އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާއަށް ވަޒީފާ ނުދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ޚިލާފު ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށެވެ.
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް…
— Dr Mohamed Muizzu (@MMuizzu) August 22, 2024
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ތަފާތުކުރުން ގެނުވާގޮތަށް ހުރި ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށާއި، އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާކަމަށެވެ. އަދި އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުވެސް ވަނީ މޫނު ބުރުގާ އަޅާތީ ވަޒީފާ ނުދިން މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޑރ. ޝަހީމް ވިދާޅުވީ މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއް ނޫންކަމަށާއި ތަހުޒީބު މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެންނަށް ޙައްޤުތައް ދީގެންކަމަަށެވެ. އަދި ތައުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅާކަމަށާއި އެފަރާތްތަކުގެ ވަޒީފާގެ ޙައްޤު ސިވިލް ސާވިސް ކޮމިޝަނުން ކަށަވަރު ކުރަންޖެހޭކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.