ޚަބަރު

ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް ތިން މެންބަރުން، ދިވެއްސަކާއި ބޭރު ދެމީހެއް


  • ބޯޑުގައި އިނގިރޭސިވިލާތާއި ސިންގަޕޫރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ

ޑިވެލޮޕްމަންޓް ބެންކް އޮފް މޯލްޑިވްސްގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކުރައްވައިފިއެވެ. ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް ޤާއިމްކުރުމަށް ސަރުކާރުން ނިންމަވައި، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި ބޭންކު އުފައްދަވާފައިވަނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ.

ޕީސީބީން، ޑިވެލޮޕްމަންޓް ބެންކް އޮފް މޯލްޑިވްސްގެ ބޯޑަށް އައްޔަންކުރެއްވި ތިން ބޭފުޅުންގެތެރޭގައި ހިމެނެނީ ދިވެއްސެއްގެ އިތުރުން ރާއްޖެއިން ބޭރު ދެމީހުންނެވެ.

ޑިވެލޮޕްމަންޓް ބޭންކު ބޯޑަށް އައްޔަންކުރެއްވި 3 މެންބަރުން

* އަޙްމަދު ޢަލީ - މއ. ވޭސައިޑް 805 ފްލެޓް
* ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު - ސިންގަޕޫރު
* ރޮބަޓް ޑެނިއެލް ކާންޓް - އިނގިރޭސިވިލާތް

ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަކީވެސް މިފަދަ ބޭންކެއް ޤާއިމްކުރުމުގެ އެއް ބޭނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ބޭންކް އޮޕަރޭޓް ކުރުމުގެ ލައިސެންސް ހޯދުމަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާއިރު، އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ބޭންކު އުފައްދަން ބޭނުންވާ ކުންފުނި ރެޖިސްޓަރކޮށް ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން 2 ބޭފުޅުން މިހާރު ނަގާފައިވާކަމަށް ވަޒީރު ވިދާޅުވެފައިވަނީ މިމަހުގެ 3ވަނަ ދުވަހުއެވެ.

އިޤްތިޞާދީ ވަޒީރު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކުގެ ގަވަނިންގް ބޯޑު އެކުލަވާލުމުގައި ސަރަހައްދުން ލިބޭނެ އެންމެ ފެންވަރު ރަނގަޅު ބޭފުޅުން ހިމަނާފައިވާކަމަށެވެ. އަދި ބައިނަލްއަޤްވާމީ މާލީ ދައިރާގެ ތަޖުރިބާކާރުން ބޯޑުގައި ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޑިވެލޮޕްމަންޓް ބޭންކަށް ޢައްޔަންކުރައްވާނީ އެކަމުގެ ތަޖުރިބާ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކަން ކޮށްފައި ތިބި ބޭފުޅުންކަމަށެވެ. ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ވިޔަފާރި ކުރުމުގެ ޔަޤީންކަން، އެ ބޯޑުގައި ތިބި މީހުންނަށް ބަލާލުމުން ލިބޭނެ ފެންވަރުގެ މީހުން އެ ބޭންކުގެ ބޯޑަށް ޢައްޔަންކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.