އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެއްވަނަ ގޯލްކީޕަރު، އެމިލިއާނޯ މާޓިނޭޒް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މާޓިނޭޒް، 31، އެންމެ ފަހުން ވިލާ އާއެކު 2022 ވަނަ އަހަރުގެ ޖަނަވަރީގައި ސޮއިކުރި ކޮންޓްރެކްޓް ހަމަވާން އޮތީ 2027 ގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން، މި ފަހަރު އޭނާ ސޮއިކުރީ އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައެވެ.
މީގެ ހަތަރުވަރަކަށް އަހަރު ކުރީން، 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ވިލާ އިން މާޓިނޭޒް ގަތީ އާސެނަލަށް 25 މިލިއަން ޕައުންޑް ދީފައެވެ. މިވަގުތު ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ މާޓިނޭޒް ވަނީ ވިލާގައި ހޭދަކުރީ ފުރަތަމަ ސީޒަނުގައި ވެސް ލަނޑެއްވަނަނުދީ 15 މެޗު ފުރިހަމަކޮށް، އެ ކްލަބުން އެ ފަހަރު ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައެވެ.
މާޓިނޭޒްގެ ކެރިއަރުގެ ކުރީކޮޅު އާސެނަލްގައި ހޭދަކުރިއިރު، ގަވާއިދުން ގައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު ހޯދުމުގެ ގޮތުން ވިލާ އަށް ބަދަލުވެ، އޭނާ ވަނީ އާޖެންޓީނާގެ އެއްވަނަ ކީޕަރުގެ ޖާގަ އަމިއްލަކޮށްފައެވެ. އެގޮތުން، މިދިޔަ ދެ ފަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތާއި، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމުގައި މާޓިނޭޒް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެ ތިން މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހާސިލްކުރީ ވެސް އޭނާ އެވެ. މާޓިނޭޒް ވަނީ ގައުމީ ޓީމަށް މިހާތަނަށް 45 މެޗު ކުޅެފައެވެ.
މާޓިނޭޒް ވަނީ، މިހާތަނަށް ވިލާގެ ޖާޒީގައި 160 މެޗު ހަމަކޮށް، 54 މެޗެއްގައި ލަނޑެއްވަނަނުދީ ހިފަހައްޓާފައެވެ. އާސެނަލްގެ ހޭދަކުރީ މުއްދަތުގައި އޭނާ ވަނީ، ރެޑިން، ރޮތަހަމް އާއި ޝެފީލްޑް ވެނިސްޑޭ ފަދަ ކްލަބުތަކަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ. އެއަށްފަހު އޭނާގެ ހަގީގީ މޮޅު ކުޅުން ދެއްކޭގޮތްވީ، 10 އަހަރަށްފަހު އާސެނަލް ދޫކޮށް، ދާއިމީ އެއްބަސްވުމެއްގައި ވިލާ އަށް ބަދަލުވި ހިސާބުންނެވެ.
އައު ސީޒަނުގެ ލީގުގައި ވިލާ އިން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ވަނީ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެފައެވެ. ވިލާ އަށް ދެން އޮތީ އަމިއްލަ ދަނޑުގައި މާޓިނޭޒްގެ ކުރީގެ ޓީމު، އާސެނަލްއާ ބައްދަލުކުރާ މެޗެވެ. އަދި މި ފަހަރުގެ ސީޒަނުގައި ޔޫރަޕްގައި އެ ޓީމު ވާދަކުރަންޖެހޭ ޓީމުތައް ކަށަވަރުވެގެންދާނީ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ފިޔަވަހީގެ މެޗުތަކުގެ ގުރުއަތުލުމަށްފަހު އެވެ.