ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ މިމަހުގެ ނިޔަލަށް އިތުރުވާނެކަމަށާއި، ރިޒާވް ހުސްވެފައިވާކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއްކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. އެމްއެމްއޭއިން މިހެން ވިދާޅުވެފައިމިވަނީ ދައުލަތުގެ ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވެއްޖެކަމަށް މީޑިއާގައި ފަތުރާ ޚަބަރާއި ގުޅިގެން، އެކަމުގެ ތެދު މަޢުލުމާތު ހިއްސާކުރައްވަމުންނެވެ.
މަރުކަޒީ ބޭންކުން ވިދާޅުވީ ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން މީޑިއާގައި ދައުރުވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށާއި، އެއީ ހަގީގަތާ ޚިލާފު މައުލޫމާތުތަކެއްކަމަށެވެ.
ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދަނީ މަހުންމަހުން ބަރާބަރަށް ޝާއިއުކުރަމުންކަމަށާއި، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް އެމްއެމްއޭން ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަގީގަތާއި ޚިލާފަށް ގެނެސްދިނުމަކީ އެއޮތޯރިޓީން ނުހަނު ކަންބޮޑުވާކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވް މައިނަހުގައިވާކަމަށް ބުނެ ބައެއް މީޑިއާއިން ޢާންމުކޮށްފައިވާ ޚަބަރާގުޅިގެން އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ދޮގުކުރައްވާފައެވެ.
އެމްއެމްއޭއިން ވިދާޅުވީ ކޮވިޑް 19ގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާއި ގުޅިގެން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާއެކު 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވާކަމަށެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާވާ ބޭރު ފައިސާ އެމްއެމްއޭއަށް މާރުކުރުމުގެ ބަދަލުގައި ޑޮލަރުން ބެހެއްޓުމަށް ނިންމުނުކަމަށާއި އެގޮތުން މިހާރު އެސްޑީއެފްގައި ބޭނުންކުރެވޭ ގޮތަށް 65 މިލިއަން ޑޮލަރު ހުރިކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.
މިއަހަރުގެ ޖުލައިމަހު ބޭނުންކުރެވޭ ރިޒާވް ހުރި އަދަދަކީ 45 މިލިއަން ޑޮލަރުކަމަށާއި މިއަދަދު ހިސާބު ކުރުމުގައި އެސްޑީއެފްގައި ހުރި 65 މިލިއަން ޑޮލަރު ނުހިމެނޭކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.
އެމްއެމްއޭއިން ވިދާޅުވީ އެސްޑީއެފަށް ޖަމާކުރެވޭ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ އަދަދު ކުރިން ލަފާކުރި އަދަދަށްވުރެ އިތުރުވެގެންދާނެކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމާއި ގުޅިފައިވާ އިންޑަސްޓްރީތަކުން މިއަހަރުގެ ބާކީއޮތް ދުވަސްތަކުގައި ކުރިން ލަފާކުރި ގޮތާ ޚިލާފަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އެމްއެމްއޭއަށް އަންދާޒާ ކުރެވޭތީ މީގެ ހެޔޮ ބަދަލު ރިޒާވްއިން ފެންނާނެކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
މީގެ އިތުރުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބޭނުންވާ ފައިނޭންސިން ބޭރުގެ އެކިއެކި ފަރާތްތަކުން ހޯދުމުގެ މަސައްކަތްތަކެއް ދަނީ ސަރުކާރުން ކުރަމުންނެވެ. މީގެ އިތުރުން ފޮރިން ކަރަންސީ ލިކިއުޑިޓީ އިތުރުކުރުމުގެ ގޮތުން ފާއިތުވި އަހަރުތަކުގައިވެސް އެމްއެމްއޭއިން ބޭނުންކޮށްފައިވާ ކަރަންސީ ސްވޮޕް އެރޭންޖްމެންޓްގެ ތެރެއިން ބޭރު ފައިސާ ހޯދޭނެ ގޮތްތަކަކަށް ދަނީ މަސައްކަތްކުރަމުންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން މިފަދަ ސްވޮޕްލައިނަކުން ވަރަށް އަވަހަށް 400 މިލިއަން ޑޮލަރާއި ހަމައަށް ފައިނޭންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބެލެވޭކަމަށާއި މިފަދަ ސްވޮޕް އެރޭންޖްމެންޓެއްގެ ދަށުން 2023 ވަނަ އަހަރު ވަނީ 100 މިލިއަން ޑޮލަރު ރިޒާވް އިތުރުކުރުމަށްޓަކައި ބޭނުންކޮށްފައިވާކަންވެސް އެމްއެމްއޭއިން ފާހަގަކުރެއެވެ.
އެމްއެމްއޭއިން ވިދާޅުވީ ގަވަރުނަރުގެ މަގާމާއި އަހުމަދު މުނައްވަރު ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުގެ ވުޒާރާތަކާއި އަދި ވަކިން ޚާއްސަކޮށް މާލީ ވުޒާރާއާއެކު ވަރަށް ގާތުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ދަނީ ކުރަމުންކަމަށެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް އަންދާޒާ ކުރެވޭ ގޮތުން މި މަހު ދައުލަތުގެ ރިޒާވްގެ ހާލަތު ރަނގަޅުވާނެކަމަށް ގަބޫލުކުރެވޭކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.