ޚަބަރު

ގެދޮރުވެރިކުރުމުގެ ލޯނަށް އެދުމުގެ ފުރުޞަތު ޖޫންމަހު ހުޅުވާލަނީ


ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން މާލެއާއި ވިލިމާލެއާއި ހުޅުމާލެއަށް ޚާއްސަކުރައްވައިގެން ދޫކުރައްވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުއްވާލައްވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މާލެއާ ވިލިމާލެއާ ހުޅުމާލޭގައި ގޯތި އޮވެ ގެދޮރު އިމާރާތްކުރުމުގެ މާލީ ދަތިކަން ހުރި ފަރާތްތަކަށް ޚާއްސަކުރައްވައިގެން، ގެދޮރު އިމާރާތް ކުރުމުގެ ވިހި އިންސައްތަ ލޯނުގެ ގޮތުގައި ސަރުކާރުން ދެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ހައުސިންގ މިނިސްޓްރީންފޯމް ދޫކުރައްވާނެ ކަމަށާއި، ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ސާދަ ވަނަ ދުވަހުގެ ނިޔަލަށް ފޯމް ބަލައިގަންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވަައެވެ. ފޯމް ދޫކުރައްވާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އަންނަ ފަރާތްތަކަށް ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މިއަހަރުގެ ބަޖެޓުގައި، ގެދޮރުވެރި ލޯނަށް ސަތޭކަ މިލިއަން ރުފިޔާ ކަނޑައަޅުވާފައި އޮތްނަމަވެސް އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް މި ލޯން ދޫކުރެއްވުން ކަމަށް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

img:http://s1.psmnews.mv/images/660x400/14613356677461.jpg|ހުޅުމާލެ ތަރައްޤީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް / ފޮޓޯ: އެޗްޑީސީ

މި ސްކީމްގެ ދަށުން ހައުސިން މިނިސްޓްރީން، ހައުސިން ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ގެދޮރު އިމާރާތް ކުރުމަށްދާ ޚަރަދުގެ 20 އިންސައްތަ ލުއި ލޯނުގެ ގޮތުގައި، މިކަމަށް އެދޭ ފަރާތްތަކަށް ދޫކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ސްކީމްގެ ދަށުން ލޯން ލިބޭ ފަރާތްތަކަށް ގެދޮރު އިމާރާތް ކުރަންފަށާ އަދި އިމާރާތް ކޮށް ނިންމުމަށް 80 އިންސައްތަ ލޯނުގެ ގޮތުގައި އެޗްޑީއެފްސީ މެދުވެރިކޮށް ލިބުމުގެ މަގުފަހި ވެގެންދާނެއެވެ. 

މި ސްކީމްގެ ދަށުން ނަގާ ފައިސާ ދެއްކުމުގެ އެންމެ ދިގު މުއްދަތަކީ 20 އަހަރެވެ. ލޯންގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތައެވެ. ގެދޮރުވެރި ލޯން ސްކީމްގެ ދަށުން ލޯން ލިބޭ ފަރާތްތައް ކަނޑައަޅުމުގައި ބަލާނީ، ލޯން ނަގާ ފަރާތުން ފައިސާ އަނބުރާ ދެއްކުމުގެ ގާބިލިއްޔަތާއ، ލޯނަށް އެދޭ ފަރާތުގެ ބިމެއް ރަޖިސްޓްރީވެފައި އޮތުމާއި، ލޯން ސްކީމްގެ ދަށުން ހެދޭ ހުރިހާ ތަނަކީ ޤާނޫނީ ގޮތުން ރަހުނު ކުރެވޭ ތަންތަނަށްވުމެވެ. 

ދެމަފިރިއަކު ލޯނަށް ކުރިމަތިލައި، ދެ ފަރާތުގެ ޝަރުތު ފުރިހަމަވާނަމަ ދެފަރާތުން އެއްބަސްވާ ކޮންމެވެސް އެއްފަރާތަކަށް ލޯން ދޫކުރުމުގެ އިތުރުން، އެމީހެއްގެ އަމިއްލަ ނަމުގައި ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ އެއްވެސް ސްކީމަކުން ބޯހިޔާވަހިކަން ލިބިފައި ނެތުމާއި، އުމުރުން އަށާރަ އަހަރު ވެފައިވުން ވެސް މި ލޯން ދޫކުރެއްވުމުގައި ބައްލަވައެވެ. 

މި ސްކީމްގެ ސަބަބުން މާލޭގައި ގެދޮރު އިމާރާތް ނުކުރެވި، އެކަށީގެންވާ ބޯހިޔާވަހިކަން ލިބިފައިނެތް އާއިލާތަކަށް އެކަމުގެ ހައްޤު ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.