ލޭނު މަސްވެރިކަމަކީ ކަނޑުރޯދިން ނަފާ ހޯދުމަށް ކުރެވޭނެ މުހިއްމު މަސައްކަތެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަމާއި އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އެކަމުން ލިބޭ ނަފާ އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އެގޮތުން ޤަވާއިދެއް އެކުލަވާލައި އާންމުންގެ ހިޔާލަށް ހުޅުވާލިއިރު، އެ ޤަވާއިދަށް ގިނަ ބައެއްގެ ޚިޔާލު ލިބުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް ޤަވާއިދު އިސްލާހު ކުރައްވާނެ ކަމަށް މަސްވެރިކަމާއިބެހޭ ވަޒީރު ވިދާޅުވިއެވެ.
މިއީ ބޮޑު ނަފާއެއް ލިބޭނެ ސިނާޢަތެއް ކަމަށް ސަރުކާރުން ދެކެއެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތު ކުރުމަށް ލޭނު މަސްވެރިކަން ފަށާއިރު، މިހާރު މަސްވެރިކަމުން ލިބޭ އާމްދަނީއާއި އެއްވަރު އާމްދަނީއެއް މި މަސައްކަތް ފެށުމުން ދައުލަތަށް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"10 ޓަނަށް ބަލާނަމަވެސް، ލޭނު މަސްވެރިކަމުގައި ބާނާ މަހާ ލައިސެންސް ފީތަކާއި، އަދިވެސް އެހެން ފީތައް ލައިގެން ދައުލަތައް މަދުވެގެން 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ. މިހާރު ދޮށީގެ މަސްވެރިކަމުގައި ލިބެނީ 90 މިލިއަން ޑޮލަރު، އެހެން ކަމުން އެއާއި އެއްވަރު އާމްދަނީ މިކަމުން ލިބޭނެ" މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.
މިމަސައްކަތް ފަށާއިރު ދިވެހިން މިހާތަނަށް ކުރަމުން އައި ދެމެހެއްޓެނިވި މަސްވެރިކަމަށް އަސަރުކޮށް ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ދޭން ނިންމާފައިވާ ލުއިތައް ހުއްޓިދާނެކަމަށް ކަމަށް ޤަބޫލުނުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ޔޫރަޕަށް މަސް ބޭރުކުރުމުގެ ޑިއުޓީ ކެނޑުމަށް ރާއްޖެއިން މަސައްކަތް ކުރާތާ 12 އަހަރުވީއިރު، ލޭނު މަސްވެރިކަމުން އާމްދަނީ ހޯދަމުންދާ ޤައުމުތަކަށް އެ ލުއިދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސަސްޓެއިނަބަލް ފިޝަރީޒް ޗެމްޕިއަނުންގެ ގޮތުގައި 12 އަހަރުވީއިރު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެހެން ބައެއް ދާ އަޅާ ޤައުމުތަކާއި ލޭނު މަސްވެރިކަން ކުރާ ޤައުމުތަކަށް ދޭ ލުއި އަޅުގަނޑުމެންނަށް ކީއްވެ ނުދޭންވީ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ މިކަމުގެ ސަބަބުން އިނގިރޭސިވިލާތާއެކު ސޮއިކުރުމަށް މަސައްކަތްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަސަރުކުރާނެކަމަށް ސަރުކާރަށް އެނގިފައިނުވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިފަދަ ބޮޑު އާމްދަނީއެއް ލިބޭ މަސައްކަތެއް ދިވެހިންނުކޮށް ތިބެން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިވަގުތު އޮތްގޮތުން ލޭނު މަސްވެރިކަމަށް ހުޅުވާލުން ވަރަށް މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ އާމްދަނީ އިތުރުކޮށް، މަސްވެރިކަން ސިންދަފާތުކުރުމަށް ކުރެވޭނެ ވަރަށް މުހިންމު މަސައްކަތެއްގެ އިތުރުން، މިއީ ކަނޑުރޯދިން ނަފާ ހޯދުމަށްވެސް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ލޭނު މަސްވެރިކަމާއި ގުޅޭ ހުރިހާ އިޖުރަޢާތުތަކެއް ފުރިހަމަކުރުމަށްފަހު، ވީހާވެސް އަވަހަކަށް ލޭނު މަސްވެރިކަމަށް ހުޅުވާލުމަށްކަމަށެވެ.