އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމާފައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 15 ވަނަ އެޑިޝަނުގައި އޮފީސްތަކާއި ރިސޯޓުތަކަށް ޚާއްސަ ޓީމު އިވެންޓު ކެޓަގަރީއެއް ތަޢާރަފްކޮށްފިއެވެ.
މިއަހަރުގެ ރޯޑް ރޭސް އިޢުލާނުކުރުމަށް ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިކެޓަގަރީގެ ދަށުން ވާދަކުރެވޭނީ ޓީމް ކެޓަގަރީގައި ކަމަށެވެ. އެގޮތުން ކޮންމެ ރިސޯޓަކުން ނުވަތަ އޮފީހަކުން ވެސް 4 މީހުންގެ ޓީމެއް މިދުވުމުގައި ބައިވެރިކުރެވޭނެ ކަމަށެވެ. އަދި ބޭނުން އަދަދަކަށް ޓީމުތައް ބައިވެރިކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ވާދަވެރި ދުވުމާއި ގިނަމީހުންގެ ބައިވެރިވުން ހިމެނޭގޮތަށް ދުވުމުގެ ސަގާފަތެއް ބިނާވެ ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން. މި ދުވުމުގެ 15ވަނަ ސިލްސިލާ މިފަހަރު ބޭއްވިގެންދާއިރު މުޅިން އަލަށް ތައާރަފްކުރެވޭ އޮފީސް/ރިސޯޓް ޓީމްކެޓެގަރީ ހިމަނާފައިވާނެ. މީގެ މަޤްސްދަކީ އޮފީސްތަކާއި ރިސޯޓްތަށް ޓީމެއްގެ ގޮތުގައި އެ މުއަށްސަސާގެ މުވަޒަފުންނަށް، ތަމްސީލިކުރުމުގެ ފުރުސަތު ވާދަވެރި މާހައުލެއްގައި ހުޅުވައިލުން." ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.
ދުވުމުގައި މިހާތަނަށް ކުރިއަށްދިޔައީ 5 ކިލޯމީޓަރ، 10 ކިލޯމީޓަރ އަދި ހާފް މެރެތަން ކެޓަގަރީއެވެ. އަލަށް ތަޢާރަފްކުރި އޮފީސް ރިސޯޓުތަކުގެ ކެޓަގަރީން ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ވަގުތަށް ބެލުމަށްފަހު އެންމެއަވަހަށް ނިންމާ ޓީމަކަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވުންތެރިން ވާދަކުރާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ނުވަތަ މާދަމާ ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 4000 ބައިވެރިންނަށް މިފަހަރު ފުރުސަތު ހުޅުވާލާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. މިފަހަރު ދުވުމުގެ ޝިއާރަކީ "ކުޑަކުދިން ހިމާޔަތްކުރުމާއި ރައްކާތެރިކުރުން" މިއެވެ. ދިރާގުން ބުނީ މިފަހަރު ރޯޑް ރޭހުގައި 12 އެންޖީއޯއެއްގެ ބައިވެރިވުން ހިމެނޭ ކަމަށެވެ.
ދިރާގު ރޯޑްރޭހަކީ 2007 އިން ފެށިގެން ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ރޭހެކެވެ.