ރޭ ކުރި ވިއްސާރާގައި އުތުރުގެ 3 އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެންމެ އުތުރުގެ 3 އަތޮޅުކަމަށްވާ ހއ، ހދ އަދި ށ އަތޮޅަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވާނޭކަމަށް ލަފާކޮށް މެޓް އޮފީހުން ރޭ އިރާކޮޅު ވަނީ އޮރެންޖް އިންޒާރެއްވެސް ނެރުއްވާފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ ހއ، ހދ އަދި ށ އަތޮޅަށް ރޭ ކުރި ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަދެ، ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުޅުދުއްފުށި ސިޓީއަށްކަމަށާއި، އެ ސިޓީގެ 57 ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއްވައެެވެ. އަދި 5 ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރާގައި ހއ. ހޯރަފުށީގެ 2 ގެއަކަށް, ހދ ކުޅުދުއްފުށީގެ 57 ގެއަކަށް, ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށް ފެން ވަދެ ވަނީ ގެއްލުން ވެފަ. އަދި ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލުކުކުރެވިފައިވޭ pic.twitter.com/1ralyWoELt
— NDMA Maldives (@NDMAmv) August 21, 2024
ކުޅުދުއްފުށި ސިޓީގެ އިތުރުން، ހއ.ހޯރަފުށީގެ 2 ގެއަކަށް, ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށްވެސް ފެން ވަދެގެން، ގެއްލުންތައް ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރުކުރިނަމަވެސް މޫސުން މިހާރު ދަނީ ރަނގަޅުވަމުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.