ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔެނިކް ސިނާ މަނާ ބޭސް ބޭނުންކުރި ކަމަށް ބުނާ މައްސަލައިން ސަލާމަތްވެއްޖެ އެވެ.
މަނާ ބޭހަށް ސިނާ ޕޮޒިޓިވް ވިކަމަށް ބުނެފައިވަނީ މިދިޔަ މާޗް މަހު ހެދި ޑޯޕިން ޓެސްޓަށް ފަހުގައެވެ. އަދި އޭގެ އަށް ދުވަސް ފަހުން ހެދި ދެވަނަ ޓެސްޓުންވެސް އޭނާ ޕޮޒިޓިވް ވެފައިވާތީ އޭނާ ހުރީ ޕްރޮވިޝަނަލް ސަސްޕެންޝަނެއްގައި މުބާރާތްތަކުގައި ވާދަ ކުރެވޭ ގޮތަށެވެ.
މި މައްސަލަ ސިނާ އިސްތިއުނާފްކޮށް ކަން ހިގައިދިޔަގޮތް އިންޓަނޭޝަނަލް ޓެނިސް އިންޓެގްރިޓީ އެސޯސިއޭޝަނަށް ހުށައަޅާ އިތުރަށް މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ސިނާ މަނާ ބޭހަކަށް ޕޮޒިޓިވް ވެފައިވަނީ އޭނާގެ ފިޒިއޮތެރަޕިސްޓް، ޖިއާކޯމޯ ނަލްޑީގެ އަތުން ކަނޑައިގެން ގޮސްފައިވާ ތަނަކަށް ފަރުވާ ކުރުމަށް އޭނާ އަތުގައި އުނގުޅާފައިވާ ބޭހެއްގެ ސަބަބުން ސިނާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ނަލްޑީގެ އަތުގައި ބޭސް އުނގުޅުމަށްފަހު އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ސިނާ އަށް މަސާޖް ސެޝަންތަކާއި ސްޕޯޓްސް ތެރަޕީ ނަގައިދީފަ އެވެ.
އެހެންކަމުން ސިނާގެ ޕްރޮވިޝަނަލް ސަސްޕެންޝަން ވަނީ އުވާލާފައެވެ.
ސިނާ މި މައްސަލައިން ސަލާމަތްވިއިރު، އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކުޅުންތެރިއަކީ ސިނާ އެވެ.