ޚަބަރު

ރާއްޖެއާއި ޕާކިސްތާނުގެ ދިފާއީ ވަޒީރުން ބައްދަލުކުރައްވައިފި


ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު، ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ޙަވާޖާ މުޙައްމަދު އާސިފްއާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދިފާޢީ ގުޅުމާއި ގުޅޭގޮތުންނާއި، ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ގުޅޭގޮތުން ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި ޑިފެންސް މިނިސްޓަރުގެ ޝަރަފުގައި ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ޑިފެންސް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޑިފެންސް މިނިސްޓަރ ޕާކިސްތާނަށް މިކުރައްވާ ދަތުރުފުޅަކީ، ޕާކިސްތާނުގެ މިނިސްޓަރ އޮފް ޑިފެންސް ޙަވާޖާ މުޙައްމަދު އާސިފްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ޑިޕާރޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބްދުލް މަޠީން އަޙްމަދާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ބައިވެރިވެވަޑައިގަންނަވައެވެ.