ޚަބަރު

ބަރަކް އޮބާމާ، ޖަޕާނުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި


ޖީ ހަތެއްގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ޖަޕާނަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ އާ ބައްދަލުކުރައްވައިފިއެވެ. 

ދެބޭފުޅުން މަޝްވަރާކުރެއްވި މައްސަލަތަކުގެ ތެރޭގައި ޖަޕާނުގެ އޮކިނާވާގައި އެމެރިކާގެ އަސްކަރީ ބޭހެއް އޮތުމަށް ޖަޕާނުގެ ގިނަ ބަޔަކު ދެކޮޅު ހަދާ މައްސަލައާއި ޖަޕާނުގައި ރުކުރުވާލާފައިވާ އެމެރިކާގެ ލަޝްކަރުތަކަށް ނިސްބަތްވާ އެމެރިކާގެ ސިފައިންގެ ބައެއްމީހުން ޖަޕާނުގެ އަންހެން ކުދިންނަށް ޖިންސީ ގޮތުން ގޯނާކުރާ މައްސަލަ ހިމެނެއެވެ. މީގެއިތުރުން ޖަޕާނުގެ އާންމުންނާ ދެކޮޅަށް އެމެރިކާ ސިފައިންނާއި އެމެރިކާގެ ބޭސްތަކުގައި މަސައްކަތްކުރާ އެމެރިކާގެ މުވައްޒަފުން ފަރުދީ ފެންވަރުގައި ހިންގާ ޖަރީމާތަކުގެ މައްސަލަތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

ޖަޕާނުގެ ފުލުހުން މިދިޔަ ހަފްތާގައި ވަނީ ޖަޕާނުގެ އަންހެނަކުގެ މަރާލުމުގެ ތުހުމަތުގައި އެމެރިކާ މުވައްޒަފަކު ހައްޔަރުކޮށްފައެވެ. އެމެރިކާގެ މި މުވައްޒަފަކީ ޖަޕާނުގައިވާ އެމެރިކާގެ އަސްކަރީ ބޭހެއްގައި މަސައްކަތްކުރާ މުވައްޒަފެކެވެ. މިމައްސަލާގައި އެމެރިކާއިން ވަކިއެއްޗެއް ބުނެފައެއްނުވެއެވެ. ޖަޕާނުގެ ސެންޑާއިގައި ބާއްވާ ޖީ ހަތެއްގެ ސަމިޓް ނިމުމުން ރައީސް އޮބާމާ، ހުކުރުދުވަހު ޖަޕާނުގެ ހިރޮޝީމާއަށް ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. 

ހިރޮޝީމާއަކީ ދެވަނަ ބޮޑުހަނގުރާމަ ނިމެން ކައިރިވެފައިވަނިކޮށް އެމެރިކާއިން އެޓޮމް ބޮންއެޅި ޖަޕާނުގެ ދެރަށުގެ ތެރެއިން އެއްރަށެވެ.