ކުޅިވަރު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ރެޕޯ ހީޓުތަކުގައި ވާދަކުރި ރާއްޖޭގެ ހުރިހާ އެތުލީޓުން ތިންވަނަ ބުރަށް


ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގެ މެންސް އޯޕަން ބައިގެ ރިކޮލިފިކޭޝަން (ރެޕޯ) ހީޓުތަކުގައި ވާދަކުރި ރާއްޖޭގެ ހުރިހާ އެތުލީޓުން ތިންވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އެގޮތުން ދެވަނަ ބުރުގެ ހީޓު އެކެެއްގައި ވާދަކޮށް ބީ ޓީމުގައި ހިމެނޭ އިސްމާޢީލް ރަޝީދު (ސްމައިލީ) ވަނީ އެއްވަނަ ހޯދާފައެވެ. އޭނާ މި ހީޓުގެ އެއްވަނަ ހޯދީ 11.33 ގެ ސްކޯ އަކާއެކުއެވެ. އަދި ހީޓު ތިނެއްގައި ވާދަކުރި ރާއްޖޭގެ ސީނިއާ ޓީމުގެ ކެޕްޓަން އަޙްމަދު އާގިލް (އައްމަޑޭ) ވެސް އެއްވަނަ ހޯދިއިރު، އޭނާ ވަނީ 10.16 ސްކޯ ކޮށްފައެވެ.

ދެވަނަ ބުރުގެ ހީޓު ފަހެއްގައި ސީނިއާ ޓީމުގައި ހިމެނޭ އިސްމާޢީލް މިގުލާލް ވާދަކުރިއިރު، އޭނާވެސް ވަނީ ހީޓުގެ އެއްވަނަ ހޯދާފައެވެ. އެގޮތުން މި ހީޓުގައި މިގުލާލް ވަނީ 10.57 ސްކޯ ކޮށްފައެވެ. މީގެ އިތުރުން ހީޓު ހަޔެއްގައި ހިމެނުނު ރާއްޖޭގެ ބީ ޓީމުގެ ހަސަން ނާސިހު ވަނީ އޮޓޮމެޓިކުން ތިންވަނަ ބުރަށް ކޮލިފައިވެފައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ވިމެން އޯޕަން ބައިގެ ފުރަތަމަ ހީޓުތައް މިއަދު ކުރިއަށްދިޔައިރު، ހީޓު ހަތަރެއްގައި ރާއްޖޭގެ މަރިޔަމް ރާހިލް ނަސީމް (އާޔާ) ވަނީ ވާދަކޮށްފައެވެ. މި ހީޓުގެ ދެވަނައަށް އާޔާ ދިޔައިރު، އޭނާ ވަނީ 3.16 ސްކޯ ކޮށްފައެވެ. އެއާއެކު ތިންވަނަ ބުރުގެ ޖާގައެއް އާޔާއަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން ހީޓު ފަހެއްގައި ޝާޒިޔާ ސައީދު ވާދަކުރިއިރު، އޭނާ ދިޔައީ ތިންވަނައަށެވެ. އަދި މި ހީޓުގައި ޝާޒިޔާއަށް ސްކޯ ކުރެވުނީ 2.04 އެވެ. އެއާއެކު އޭނާ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި 20 ގައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ ދެ ޓީމުވެސް ހިމެނެއެވެ. ރާއްޖޭގެ ދެވަނަ ޓީމަަަށް ނަން ދެވިފައިވަނީ، ތުލުސްދޫ ޓީމުގެ ނަމުންނެވެ. ރާއްޖޭގެ ސާފިން މެންސް އޭ ޓީމާއި ޖޫނިއާ އޭ ޓީމު ވާދަކުރަމުން އަންނަނީ 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ކޮލިފައިން ބުރުގައެވެ.