ޚަބަރު

2 އަހަރުން ޢިމާރާތްކުރާ އިންޖީނުގެތައް، 3 މަހުން ނިންމާލަނީ


މީގެ ކުރިން އިންޖީނުގެތައް ޢިމާރާތްކުރަމުން ގެންދަނީ ރާނައިގެނެވެ. އެހެންނަމަވެސް ރާނައިގެން އިންޖީނުގެތައް ޢިމާރާތްކުރުމަށް ގިނަދުވަސްތަކެއް ހޭދަވެއެވެ. އެގޮތުން އިންޖީނުގެއެއް ޢިމާރާތްކުރުމަށް 2 އަހަރެއްހާ ދުވަސް ހޭދަވާކަމަށް، އަތޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ދެއްވަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައެވެ. މިހާ ދިގު މުއްދަތެއް ނަގާނަމަ، ރަށްރަށުގައި އިންޖީނުގެތައް ޢިމާރާތްކޮށް، 24 ގަޑިއިރު ކަރަންޓް ޔަޤީންކުރެއްވުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދެވުމަށް އެތަކެއް އަަހަރެއް ނަގާނެކަމަށް ފެނަކައިން ލަފާކުރައްވައެވެ. 

ނަމަވެސް މިކަމަށް ޙައްލެއް ހޯދަވައިދެއްވުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން މިހާރު ދަނީ ރާއްވާލާއިގެން ޢިމާރާތްކުރާ އިންޖީނުގެތަކެއް ނުވަތަ ޕްރީ ފެބް ޕަވަރ ހައުސް އެޅުމުގެ މަސައްކަތް ކުރައްވަމުންނެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ ކޮންސްޓްރަކްޝަން ޢިމާރާތްކޮށްގެން ނުވަތަ ރާނައިގެން އިންޖީނުގެތައް ޢިމާރާތްކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާއިރު، ޕްރީ ފެބް ޕަވަރ ހައުސް ރަވާލުމަށްފަހު ޚިދުމަތް ދިނުމަށް ނަގާނީ ތިން މަހެއްހާ ދުވަސްކަމަށެވެ. 

img:http://s2.psmnews.mv/images/660x400/8275.jpg|ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް / ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން މިހާރު ވަނީ 41 އިންޖީނުގެ އެޅުމަށްޓަކައި އެކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި އިންޖީނުގެތަކުގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަނުން ދަނީ އިތުރު އިންޖީނުގެތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން 62 އިންޖީނުގެ އެޅުމަށް ތާވާލްކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. 

އިންޖީނުގެތައް ޢިމާރާތްކުރުމުގެ އިތުރުން މީހުން ދިރި ނޫޅޭ ސަރަޙައްދުތަކަށް އިންޖީނުގެތައް ބަދަލުކުރުމުގެ މަޝްރޫޢުވެސް އެ ކޯޕަރޭޝަނުން ގެން ދަނީ ހިންގަމުންނެވެ. މި މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަދި މިއަހަރުގެ ފަހު ތިން މަސްދުވަހުގެ ތެރޭގައި އިންޖީނުގެތައް އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14641896003609.JPG|ކޮންޓްރެނައިޒް ޕަވަރ ހައުސްއެއް

އިންޖީނުގެއަށް ދިމާވާ މައްސަލައަކާ ގުޅިގެން ކަރަންޓްގެ ޚިދުމަތް މެދުކެނޑި، ރައްޔިތުންނަށް ކަރަންޓުން މަޙްރޫމްވިޔަ ނުދިނުމަށްޓަކައި ފެނަކައިން ދަނީ ކޮންޓްރެނައިޒް ޕަވަރ ހައުސްތަކެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން 13 ކޮންޓްރެނައިޒް ޕަވަރ ހައުސްތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ނިމާލް ވިދާޅުވިއެވެ. އަދި ރަމަޟާންމަހުގައި އެކަމާއި ގުޅޭ ކޮންޓްރެކްޓްގައި ސޮއިކުރެވިގެންދާނެކަމަށް ނިމާލް ވިދާޅުވިއެވެ. 13 ކޮންޓްރެނައިޒް ޕަވަރ ހައުސް ގެނެސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.