ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ތަށި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިފާއުކޮށްފިއެވެ.
ފޯރިގަދަ ކުޅުމަކަށްފަހު އެޗްޑީސީން މެޗު ކާމިޔާބުކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ވާދަކޮށް 3-2 ސެޓުންނެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ މީގެ ހަތަރު އަހަރުކުރިންނެވެ. އެ ފަހަރު އެޗްޑީސީން ޗެމްޕިއަންކަން ހޯދާފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ބަލިކޮށްގެންނެވެ.
ހުޅުމާލޭ ޕާކު ވޮލީކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު އެޗްޑީސީން ކާމިޔާބުކޮށްފައިވަނީ 25-16 އިންނެވެ. ނަމަވެސް އެމްއެންޑީއެފުން ވަނީ 18-25 ދެވަަނަ ސެޓު ގެންގޮސްފައެވެ. ތިންވަނަ ސެޓު 27-25 އިން ގެންގޮސް އެޗްޑީސީން އަނެއްކާ ވެސް ކުރި ހޯދާފައިވަނިކޮށް އެމްއެންޑީއެފް އިން ހަތަރުވަނަ ސެޓު 29-27 އިން ކާމިޔާބުކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުން އެޗްޑީސީ މޮޅުވީ 15-10 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ދެ ބެސްޓް އައުޓްސައިޑް އެޓޭކަރަކީ އެޗްޑީސީގެ ކުޑަކާއްޓެ އާއި ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ) އެވެ. ސެޓަރަކަށް އެޗްޑީސީގެ އަލީ ނިމާލް ހޮވުނުއިރު މިޑްލް ބްލޮކަރުންނަކީ އެމްއެންޑީއެފްގެ ހުސެއިން ޔޫސުފްއާއި އެޗްޑީސީގެ މުހައްމަދު އަހުސަން އެެވެ. އޮޕޮސިޓް ކުޅުންތެރިއަކަށް އެމްއެންޑީއެފްގެ ހުސައިން ރަޒާން ހޮވުނުއިރު، ލިބަރޯ އަކީ، ޕޮލްކޯގެ މުހައްމަދު ނައީމް އެވެ.
މުބާރާއެންމެ މޮޅު ކޯޗަކީ، އެޗްޑީސީގެ ކޯޗު، ހުސެއިން ޝަރީފް (ނަލަ ހުސެން) އެވެ. މިފަހަރުގެ އޮފީސް މުބާރާތަށް ވެސް ގިނަ ޓީމުތަކެއްގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.