ޚަބަރު

އިސްލާމީ ޝަރީޢަތާބެހޭ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަނީ


އިސްލާމީ ޝަރީޢަތާބެހޭ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވެވުމަށް ހަމަޖައްސަވައިފިއެވެ. 

"ދައުލަތް ހިންގުމާއި ޢަދުލް އިންސާފު ޤާއިމްކުރުމުގައި އިސްލާމީ ޝަރީޢަތުގެ ދައުރު" މިނަމުގައި މި ކޮންފަރެންސް ބޭއްވެވުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި އިސްލާމިކް މިނިސްޓްރީ ގުޅިވަޑައިގެންނެވެ. މިކަމާ ބެހޭގޮތުން ވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙުމަދު ޒިޔާދު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ ޒިޔާދު ޕީއެސްއެމްއަށް މިކަމާބެހޭ މަޢުލޫމާތު ޙިއްޞާކުރައްވަމުން ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަސް ހިމެނޭ މުއްދަތުގެ ތެރެއިން ކަނޑައެޅޭ ދުވަސްވަރެއްގައި މި ކޮންފަރެންސް ބާއްވަވާނެކަމަށެވެ. މި ކޮންފަރެންސް، ސަޢޫދީ ޢަރަބިއްޔާއާއި ޤަތަރާއި ތުރުކީވިލާތާއި ޔޫއޭއީއާއި މެލޭޝިޔާއާއި ސިންގަޕޫރު ފަދަ ޤައުމުތަކުގެ ބައިވެރިވުމާއި އެހީތެރިވުމާއެކު ބޭއްވެވުމަށް ޤަޞްދުކުރައްވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި ތިއްބެވި ކަމާގުޅުން ހުރި ޤާބިލް ބޭފުޅުންވެސް މި ކޮންފަރެންސްގައި ބައިވެރިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.   

މި ކޮންފަރެންސްގެ މަޤްޞަދަކީ މިހާރު ދިމާވަމުންދާ ޒަމާނީ މައްސަލަތައް މުސްލިމް ޤައުމުތަކުގައި، އިސްލާމިކް ލެޖިސްލޭޝަން ޒަމާނަށް ފެތޭގޮތަށް ކޮޑިފައިކޮށް، ބޭނުންކުރަމުންދާ ގޮތް ބަލައިލުމާއި މެދުމިނުގެ ފިކުރާއެކު އިސްލާމީ ޝަރީޢަތް ޤައުމުތަކުގައި ތަންފީޒުކުރަމުންދާ ގޮތާމެދު ދިރާސާކުރެއްވުމެވެ.

އަދި މުސްލިމް ޤައުމުތަކުގައި އިސްލާމީ ޝަރީޢާ ކޮޑިފައި ކުރަމުންދާގޮތަށް ބަލާލުމަކީ މިކޮންފަރެންސްގެ އަމާޒެއްކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވާކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވައެވެ.