ޚަބަރު

މާލޭ ހުކުރު މިސްކިތް މަރާމާތުކޮށް ނިމިއްޖެ


މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތްތައް ނިންމާލައިފިއެވެ.

ހެރިޓޭޖް ޑިޕާޓްމެންޓުން ވިދާޅުވީ، ހެރިޓޭޖްގެ ފަރާތުން އެމިސްކިތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ނިމި އިސްލާމިކް މިނިސްޓްރީއާ މިސްކިތް މިހާރު ހަވާލުކުރައްވާފައިވާކަމަށެވެ.

މާލޭ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތްތައް ކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހުކުރު މިސްކިތްވަނީ ބަންދުކޮށްފައެވެ.

މާލޭ ހުކުރު މިސްކިތަކީ، ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ހިމެނުމަށް މަސައްކަތްކުރާ ރާއްޖޭގެ ހިރިގަލުގެ ހަ މިސްކިތުގެ ތެރޭގައިވެސް ހިމެނޭ މިސްކިތެކެވެ. ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން މިސްކިތުގެ ހިރިގަލުގެ ބައިތައްވަނީ މިކަމަށް ޚާއްޞަ ސާމާނު ބޭނުންކޮށްގެން ދޮވެ ސާފުކޮށްފައެވެ. އަދި މިސްކިތުގެ ލަކުޑީގެ ބައިތަކުން ހަލާކުވެފައިވާ ތަންތަންވެސް ވަނީ މަރާމާތު ކުރެވިފައެވެ.

މިމަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ހުކުރުމިސްކިތުގެ މަރާމާތުތަކެއްވެސް ކޮށްފައިވެއެވެ. އޭގެ ތެރޭގައި މުންނާރު އިތުރަށް ވަރުގަދަކޮށް  ފެންފަހި ކުރުމުގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މާލޭ ހުކުރުމިސްކިތްވެސް ހިމެނޭގޮތަށް، ރާއްޖޭގެ 6 މިސްކިތެއް ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ހިމެނިފައިވާއިރު މި މިސްކިތްތަކުގައި ފެންނަންހުރި ހިރިގަލުގެ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެކެވެ.