ޚަބަރު

ވައިން އެކުލެވޭ ސޯސް ފުޅިތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް


ރަލުގެ ބާވަތެއް ކަމަށްވާ ވައިޓް ވައިން އެކުލެވޭ ސޯސް ފުޅިތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ރާގެ މިބާވަތް އެކުލެވޭ ސޯސް ފުޅިތަކެއް މާލޭގެ ފިހާރައެއްގައި ވިއްކަން ހުރިކަމުގެ މައުލޫމާތުލިބިގެން، ކަސްޓަމްސްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މިބާވަތް  ހުރިކަމަށް ބެލެވޭ ހުރިހާ ފުޅިތަކެއް ހިފަހައްޓައި ކަސްޓަމްސްގެ ބެލުމުގެ ދަށަށްގެންގޮސްފައިވާކަމަށެވެ.

ކަސްޓަމްސްއިން ވިދާޅުވީ ޤާނޫނީގޮތުން ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެކޮށް ވިއްކަން ހުންނަކަމަށް އެ އިދާރާއަށް ފާހަގަކުރެވިއްޖެނަމަ، އެތަކެތި ހިފަހައްޓާ ކަސްޓަމްސްގެ ބެލުމުގެ ދަށަށްގެނެވޭނެކަމަށެވެ. އަދި މިފަދަ އެއްވެސް އެއްޗެއް ވިއްކަން ނުވަތަ އެނޫންގޮތަކަށްވެސް ރާއްޖޭގައި ގެންގުޅޭކަން ފާހަގަކުރެވޭނަމަ ކަސްޓަމްސްގެ ހިލޭ ގުޅޭނަމްބަރު 1416 އަށް ގުޅުއްވާ އެ މައުލޫމާތު ހިއްސާ ކުރެވުމަށް އިލްތިމާސްކުރައްވާކަމަށެވެ.