ބާސެލޯނާ އަށް ކުޅެމުންއަންނަ ޖަރުމަނުގެ މިޑްފީލްޑަރު، އިލްކާއި ގުންޑޮއާން އެ ކްލަބުގައި މި ސީޒަނުގެ ނިޔަލަށް މަޑުކުރާނެކަމަށް އުއްމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު، ހަންސީ ފްލިކް ބުނެފިއެވެ.
ފްލިކް މިހެން ބުނެފައިވަނީ، ދާދިފަހުން ބާސެލޯނާ އިން ގެނައި ސްޕެއިނުގެ މިޑްފީލްޑަރު، ޑަނީ އޯލްމޯގެ ޓްރާންސްފާގެ ސަބަބުން އެ ޓީމުގައި ގުންޑޮއާން ދެމިހުރުމާމެދު މީޑިއާ އިން ސުވާލު އުފައްދާފައިވަނިކޮށެވެ.
ގުންޑޮއާން، 33، އަކީ ބާސެލޯނާގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ އެއްކުޅުންތެރިޔާ އެވެ. މީގެ އަހަރެއްހާ ދުވަސްކުރީން، މެންޗެސްޓާ ސިޓީން ބާސެލޯނާއާ ގުޅުނު ގުންޑޮއާން އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އޮތީ އެންމެ އަހަރެކެވެ.
ބާސެލޯނާގެ ޖާޒީގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި 51 މެޗު ކުޅެ، 5 ލަނޑުޖަހައި އިތުރު 14 ގޯލްޖެހުމަށް އެހީތެރިވެދީފައިވާ ގުންޑޮއާން އަށް ލީގުގައި އެ ޓީމު އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނެވެ. އެ މެޗުން ބާސެލޯނާ މޮޅުވީ 2-1 އިންނެވެ.
އެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބާސެލޯނާގެ ކޯޗު، ފްލިކް ވަނީ، ލިބުނު ކުޑަ އަނިޔާއެއްގެ ސަބަބުން ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ގުންޑޮއާން ބައިވެރިނުވާކަން ފާހަގަކޮށްފައެވެ.
ފްލިކް ދެއްކި ވާހަކައިގައި ވަނީ، ގުންޑޮއާން އަށް ތައުރީފުކޮށްފައެވެ. އެގޮތުން، ގުންޑޮއާން އަކީ ކޮން ކަހަލަ ކުޅުންތެރިއެއްކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އެ ދެ މީހުންގެ މެދުގައި ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށް ވެސް ފްލިކް ވަނީ ބުނެފައެވެ. އަދި، ގުންޑޮއާން އެ ޓީމުގައި މަޑުކުރާނެ ކަމަށް ހީކުރާ ކަމަށް ވެސް ފްލިކް ބުންޏެވެ.
ބާސެލޯނާ އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗެވެ.