ސިޔާސީ

ޢީ-ވޯޓިންގ ނިޒާމު ޤަބޫލެއް ނުކުރާނަން- އެމްޑީޕީ


އިލެކްޓްރޯނިކް ވޯޓިންގ ނިޒާމަކީ ރާއްޖެއަށް ބޭނުންތެރި ނިޒާމެއް ނޫންކަމަށާއި، އެއީ އެމްޑީޕީ ޤަބޫލުކުރާ ނިޒާމެއް ނޫންކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ސޯލްޓް ކެފޭގައި ރޭ އެމްޑީޕީން ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގައި ވާހަކަދެއްކި މެމްބަރުން ވަނީ ރާއްޖެއަށް އީ-ވޯޓިންގ ނިޒާމް ތަޢާރަފްކުރައްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އީ-ވޯޓިން ބޭނުންކުރާ އިންތިޚާބެއްގައި އެމްޑީޕީން ބައިވެރިވުމާމެދު ފަހުން ގޮތެއް ނިންމުމާބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި އިލެކްޓްރޯނިކް ވޯޓިންގ ނިޒާމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. އިންތިޚާބުތަކުގައި އީ-ވޯޓިންގ ނިޒާމެއް ޤާއިމްކުރެއްވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ކުރިއަރާފައިވާ ޤައުމުތަކުގެ ވޯޓުލާ ނިޒާމްތައް ބައްލަވައި ދިރާސާކުރައްވަމުންނެވެ.

އެގޮތުން އެފަދަ ޤައުމުތަކުގައި ބާއްވާ އިންތިޚާބުތައް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން މިހާރު އޮބްޒާވްކުރައްވަމުން، އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޒަމާނީ އިލެކްޓްރޯނިކް ވޯޓިންގ ނިޒާމެއް ބޭނުން ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް އެކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.