އިޓާލިއަން ސެރިއޭގެ އައު ސީޒަނުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ހެލާސް ވެރޯނާ އަތުން 3-0 އިން ނާޕޮލީ ބަލިވުމުން، އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެ ކްލަބުގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެއެވެ.
މި މެޗުގެ ފަހު ހާފުގެ ކުރީކޮޅު ވެރޯނާ އަށް ލީޑްނަގައިދިނީ ޑައިލޮން ލިވްރަމެންޓޯ އެވެ. އޭގެފަހުން، ފަހު ހާފުގައި ކުޅެން ނިކުތް ޑެނިއެލް މޮސްކޭރާ ވަނީ ދެ ލަނޑުޖަހައި، ވެރޯނާ އަށް ބޮޑު މޮޅެއް ހޯދައިދީފައެވެ. 2022/2023 ވަނަ އަހަރުގެ ސީޒަނުގެ ލީގު ކާމިޔާބުކުރި ފަހުން ނަޕޯލީ އަށް އެންމެ ރަނގަޅު ދެއްކިފައިނުވާއިރު، ނިމިދިޔަ ސީޒަނުގައި އެ ޓީމުން ނިންމާލީ ލީގުގެ 10 ވަނައިގައި އޮވެގެންނެވެ. މިއާއެކު، ކުރީގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ މަގާމުން ދުރުކުރުމަށްފަހު ޗެލްސީ އާއި ޔުވެންޓަސްގެ އިތުރުން އިންޓަ މިލާނަށް ކޯޗުކޮށްދީފައިވާ ކޮންޓޭ ވަނީ އެ މަގާމަށް ގެނެސްފައެވެ.
މެޗަށްފަހު ދެއްކި ވާހަކައިގައި ކޮންޓޭ ބުނީ، ދަނޑުމަތީގައި އޭނާގެ ކުޅުންތެރިން ފެނިގެންދިޔައީ، އިރުގެ އަވީގެ ސަބަބުން ސްނޯތައް ވިރިގެންދާ ފަދަ ގޮތަށް ކަމަށެވެ.
އަދި، އޭނާ ގަބޫލުކުރާ ގޮތުގައި މި ނަތީޖާގެ ސަބަބުން ނަޕޯލީގެ ހުރިހާ ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދެންޖެހޭ ކަމަށް ވެސް ކޮންޓޭ ބުންޏެވެ. އޭނާ އަކީ ކޯޗުކަމަށްވުމުން ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވެސް ކޮންޓޭ ވަނީ ބުނެފައެވެ.
ނިންމާލަމުން ކޮންޓޭ ބުނީ، ޓްރާންސްފާ ބާޒާރުގައި އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި، އެގޮތުން އެންމެ ގިނަވެގެން ހަތަރުވަރަކަށް ކުޅުންތެރިން ސޮއިކުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި، އެ ޓީމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، މައްސަލަތައް ހައްލުކުރަން ފަސޭހަނުވާނެ ކަމަށާއި، އެހެންނަމަވެސް އެކަންތައް ހައްލުކުރަންޖެހޭނެ ކަމަށް ކޮންޓޭ ބުންޏެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ކަލިއާރީގެ ދަނޑުގައި ލަނޑެއްނުޖެހި އޭއެސް ރޯމާ ވަނީ އެއްވަރުވެފައެވެ. ދެން ކުޅުނު މެޗުގައި ލާޒިއޯ އިން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ވެނެޒިއާ ބަލިކޮށްފައެވެ.
ލީގުގައި ނަޕޯލީ އަށް އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބޮލޯނިއާ އާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.