ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


މިއަހަރުގެ އޭޕްރީލްމަހުގެ ނިލަޔަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު %3.6 އިތުރުވެއްޖެއެވެ.

އެގޮތުން މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް، 447,659 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބްތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 103،496 ފަތުވެރިންނެވެ.މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެއްމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. އެގޮތުން އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %50.8 ޙިއްޞާކުރަނީ ޔޫރަޕުގެ ފަތުރުވެރިންނެވެ. އަދި މިއަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް ރާއްޖެއަށް ޔޫރަޕުން އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު %6.4 އިތުރުވެފައެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެއްމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޖަރުމަންވިލާތާއި، އިނގިރޭސިވިލާތުންނެވެ. އެގޮތުން ޖަރުމަނުން ރާއްޖެއަށް މިއަހަރު ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު، %7.1 އިތުރުވެފައެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޢަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު ވަނީ %13.1 އިތުރުވެފައެވެ.

ތަފާސް ހިސާބްތައް ދައްކާގޮތުން ޔޫރަޕުގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވީ ނަމަވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުކަމަށްވާ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ޢަދަދު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަތަރުމަސްދުވަހުގެ ތެރޭ ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 104،106 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު %9.7 ދަށް އަދަދެކެވެ.