ޚަބަރު

ޒާހިރަކީ އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ވިޔަފާރިވެރިއެއް: ރައީސް


  • ރައީސް ވަނީ ޒާހިރުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައި

މިއަދު އަވަހާރަވި މުހައްމަދު ޒާހިރަކީ އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ވިޔަފާރިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދެވި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުންނަމަ އޯކޭ ޒާހިރު އަވަހާރަވީ ލަންކާގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް މިއަދު ފަތިހު 4:30 ހާއިރުއެވެ. އަވަހާރިވިއިރު އުމުރުފުޅަކި 76 އަހަރެވެ.

ޒާހިރު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒާހިރަކީ ރާއްޖޭގައި ކާރުޚާނާ ހިންގަވައި، ޤައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ. އަދި ޒާހިރު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒާހިރު އަވަހާރަވުމާއި ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ ތައުޒިޔާ ދަންނަވާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ ޒާހިރު އަވަހާރަވި ޚަބަރު އެހީ ފުންހިތާމައާއެކުކަމަށް ވިދާޅުވެ، މާތްﷲ މަރުޙޫމްގެ ފުރާނައަށް ހެޔޮރަޙްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައެވެ.

މުހައްމަދު ޒާހިރު ނުވަތަ އޯކޭ ޒާހިރަކީ ހުނަރުވެރި، އަދި ކުޅަދާނަ ވިޔަފާރިވެރިއެކެވެ. އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުމާއެކު، ތަފާތު އެކި ވިޔަފާރިތައް ކާމިޔާބުކަމާއެކު ހިންގަވާފައިވެއެވެ. މީގެ އިތުރުން، އޯކޭ ޒާހިރަކީ ރާއްޖޭގައި މިހާރު ފެންނަމުންދާ ސިޔާސީ ހެޔޮ ބަދަލުތައް ގެނައުމަށް ހިތްވަރާއެކު މަސައްކަތް ކުރެއްވި، ޤައުމީ ބަޠަލެއްކަމަށް ގިނަ ބަަޔަކު ސިފަކުރެއެވެ.

ޒާހިރަކީ އުފެއްދުންތެރި އަދި އީޖާދީ ޚިޔާލުތަކުގެ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ވިޔަފާރިވެރިއެކެވެ. އޭނާގެ ވިޔަފާރީގެ ދަށުން، ދިވެހިރާއްޖޭގައި އުފައްދާފައިވާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ހާޕިކް ލިކުއިޑް، ވިމް ޕައުޑަރު، މޫނުގައި ޖަހާ ފުށް މީގެ އިތުރުން ބްލީޗިންގ ލިކުއިޑް އަދި އުއްބައްތި ހިމެނެއެވެ. މި އުފެއްދުންތަކަކީ ޒާހިރުގެ އުފެއްދުންތެރި ވިސްނުމާއި ވިޔަފާރީގެ ހުނަރުވެރިކަން ދައްކުވައިދޭ މިސާލުތަކެކެވެ.

އޭނާގެ ވިޔަފާރީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތަކާއި ހުއިފިލަނޑާގެ ބާވަތްތައް ބޭރު ޤައުމުތަކަށް އެކްސްޕޯޓު ކުރުމުގައި އޭނާ ކުރި މަސައްކަތްތައް ފާހަގަކުރެވުނެވެ. މި ފަދަ އިޤްތިޞާދީ ދާއިރާގައި ކުރެވުނު އުފެއްދުންތެރި މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، 1993 ވަނަ އަހަރު ޤައުމީ އިނާމު ޒާހިރަށް ވަނީ ލިބިވަޑައިގެންފައެވެ.