ޕްރިމިއާ ލީގުގެ އައު ސީޒަން ހުޅުވި މެޗުގައި ރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުތް ނެދަލެންޑްސްގެ ފޯވާޑް، ޔޯޝުއާ ޒާކްޒީ ވައްދާލި ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން މޮޅަކާއެކު ފަށައިފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމުން ވަނީ ފުލަމް އަތުން 0-1 އިން މޮޅުވެފައެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ ހާފުގައި ވެސް ޔުނައިޓެޑަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން، އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ފޮނުވާލި ދެ ހަމަލާއަކާއި، މޭސަން މައުންޓް ފޮނުވާލި ހަމަލާއެއް ފުލަމްގެ ގޯލްކީޕަރު، ބާންޑް ލެނޯ ވަނީ ހުއްޓުވާފައެވެ.
ފުރަތަމަ ހާފުގައި ފުލަމް އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ފުލްބެކް، ކެނީ ޓެޓޭ ވަނީ އޭރިޔާބޭރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. އެ ބޯޅަ ޔުނައިޓެޑްގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑެއްނުޖެހި ނިންމާލަންޖެހުނުއިރު، ފަހު ހާފުގެ ބޮޑުބައި ވެސް އެގޮތަށް ނިމެންދަނިކޮށް، ޔުނައިޓެޑް މޮޅުވި ލަނޑު، 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް އެ ޓީމުގެ އާޖެންޓީނާ ވިންގް، އަލެހަންސްދްރޯ ގަނާޗޯ އާއި ޒާކްޒީ ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުންނެވެ. މި ގޯލާއެކު ޒާކްޒީ ވަނީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ހިތްތަކުން ޖާގަ ހޯދައިފައެވެ.
މެޗަށްފަހު ޒާކްޒީ ބުނީ، ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި މޮޅުވިއިރު ގޯލެއް ކާމިޔާބުކުރެވުމަށް ވުރެ ވަކި ރަނގަޅު ފެށުމެއް އޭނާ އަށް ނުލިބޭނެ ކަމަށެވެ.
ޕްރިމިއާ ލީގުގައި މިއަދު ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ލިވަޕޫލުން ރަށުން ބޭރުގައި ނިކުންނާނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ. އޭގެތެރޭގައި، އާސެނަލުން އަމިއްލަ ދަނޑުގައި ވުލްވްސްއާ ބައްދަލުކުރާ މެޗާއި، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ސައުތެމްޓަން ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން ލީގުގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.