ޚަބަރު

މަޖިލީހުގެ މެންބަރުންގެ އަޚްލާޤް ރަނގަޅު ކުރުމަށް ތަމްރީނުތަކެއް


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އަޚްލާޤް ރަނގަޅު ބަޔަކަށް ހެދުމަށް ތަމްރީންތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް، ކަރީމުﷲ އަކްބަރް ޚާން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިއާއަށްދެއްވި ސްޓޭޓްމެންޓްގައި ސެކެޓްރީ ޖެނެރަލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު މަޝްވަރާ ކުރެއްވި ކަމަށާއި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ މެންބަރުންނަށް ޚާއްސަ ކުރައްވައިގެން ޓްރެއިނިންގ ތަކެއް ހިންގުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އޮތީ ހަގު ޑިމޮކްރަސީއެއްކަމަށާއި، އަދި ތިއްބެވީ ނިސްބަތުން ވަރަށް ޒުވާން މެމްބަރުންތަކެއްކަމަށެވެ.

ކަރީމުﷲ އަކްބަރް ޚާން ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަންފާއަށް ކުރެވޭނެ ކަންތައް ހޯދައި އެކަންކަމަށް ސަރުކާރަށް އެއްބާރުލުން ދެއްވަން ޖެހޭނެކަމަށެވެ. އަދި މި ދަތުރުފުޅުގައި މިހާރު މަޖިލީހުގައި ހުރި ބައެއް މައްސަލަތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޓްރެއިނިންގތައް މައިގަނޑު ގޮތެއްގައި ބިނާ ކުރައްވާނީ، މަޖިލީހުގައި، ހުށަހެޅޭ މައްސަލަތަކާމެދު އެދެވޭ ގޮތެއްގައި ބަޙުސް ކުރައްވާނީ ކިހިނެއްކަން އަންގައި ދިނުމަށާއި، އެންމެ އެކަށީގެންވާ ވަގުތުގައި، މައްސަލތައް ހުށަހަޅައި، އެއަށް ބަޙުސްކުރެއްވުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ ދައުވަތަކަށް ކޮމަންވެލްތްގެ ޕާލިމެންޓްރީ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް، ކަރީމުﷲ އަކްބަރް ޚާން ރާއްޖެ ވަޑައިގަތީ، މި މަހުގެ 22 ވަނަ ދުވަހުގައެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި، ކަރީމުﷲ އަކްބަރް ޚާންވަނީ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝއކޫރާވެސް ބައްދަލުކުރައްވާފައެވެ.