ޚަބަރު

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު އަވަހާރަވެއްޖެ


  • ނިޔާވީ އުމުރުން 76 އަހަރުގައި

  • ޒާހިރަކީ ހުނަރުވެރި، އަދި ކުޅަދާނަ ވިޔަފާރިވެރިއެއް

  • 1993 ވަނަ އަހަރު ޤައުމީ އިނާމު ޒާހިރަށް ވަނީ ލިބިވަޑައިގެންފައި

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު)، އުމުރުން 76 އަހަރުގައި ނިޔާވެއްޖެއެވެ.

ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދެވި ޒާހިރު، ލަންކާގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް، ނިޔާވީ މިއަދު ފަތިހު 4:30 ގައެވެ. މިކަން އޭނާގެ އާއިލާގެ ފަރާތުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މުހައްމަދު ޒާހިރު ނުވަތަ އޯކޭ ޒާހިރަކީ ހުނަރުވެރި، އަދި ކުޅަދާނަ ވިޔަފާރިވެރިއެކެވެ. އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުމާއެކު، ތަފާތު އެކި ވިޔަފާރިތައް ކާމިޔާބުކަމާއެކު ހިންގަވާފައިވެއެވެ. މީގެ އިތުރުން، އޯކޭ ޒާހިރަކީ ރާއްޖޭގައި މިހާރު ފެންނަމުންދާ ސިޔާސީ ހެޔޮ ބަދަލުތައް ގެނައުމަށް ހިތްވަރާއެކު މަސައްކަތް ކުރެއްވި، ޤައުމީ ބަޠަލެކެވެ. ހަމަ އެހެންމެ، އެމަނިކުފާނަކީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ލާމަސީލު އަދި ޝަރަފުވެރި ނަމޫނާއެކެވެ.

ޒާހިރަކީ އުފެއްދުންތެރި އަދި އީޖާދީ ޚިޔާލުތަކުގެ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ވިޔަފާރިވެރިއެކެވެ. އޭނާގެ ވިޔަފާރީގެ ދަށުން، ދިވެހިރާއްޖޭގައި އުފައްދާފައިވާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ހާޕިކް ލިކުއިޑް، ވިމް ޕައުޑަރު ، މޫނުގައި ޖަހާ ފުށް މީގެ އިތުރުން ބްލީޗިންގ ލިކުއިޑް އަދި އުއްބައްތި ހިމެނެއެވެ. މި އުފެއްދުންތަކަކީ ޒާހިރުގެ އުފެއްދުންތެރި ވިސްނުމާއި ވިޔަފާރީގެ ހުނަރުވެރިކަން ދައްކުވައިދޭ މިސާލުތަކެކެވެ.

އޭނާގެ ވިޔަފާރީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތަކާއި ހުއިފިލަނޑާގެ ބާވަތްތައް ބޭރު ޤައުމުތަކަށް އެކްސްޕޯޓު ކުރުމުގައި އޭނާ ކުރި މަސައްކަތްތައް ފާހަގަކުރެވުނެވެ. މި ފަދަ އިޤްތިޞާދީ ދާއިރާގައި ކުރެވުނު އުފެއްދުންތެރި މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، 1993 ވަނަ އަހަރު ޤައުމީ އިނާމު ޒާހިރަށް ވަނީ ލިބިވަޑައިގެންފައެވެ.