މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި ސްޕެނިޝް ލީގުގެ އައު ސީޒަނުގައި ރޭ ރެއާލް ބެޓިސްގެ ދަނޑުގައި ކުޅުނު މެޗުން ޖިރޯނާއާ 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ސްޕެއިނުގެ ކްލަބުތަކުގެ ތެރެއިން މި ފަހަރުގެ ސީޒަނުގައި ޔޫރަޕްގައި ވާދަކުރާ ދެ ޓީމުގެ މި ކުރިމަތިލުމުގައި ރަނގަޅަށް ފަށާއި، ކުރީން ލީޑްނެގީ ވެސް ބެޓިސް އިންނެވެ. ބެޓިސްގެ އެސްޓާޑިއޯ ބެނީޓޯ ވިޔަމެރީންގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ކުރީން ބާސެލޯނާ އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެފައިވާ ސްޕެއިނުގެ ޑިފެންޑަރު، މާކް ބަޓްރާ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން، ނަބީލް ފެކީރް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބަޓްރާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ބެޓިސްގެ ލީޑް ފުޅާކޮށްދޭން އައިޓާ ރުއިބަލް އާއި ރޮޑްރީ ފޮނުވާލި ހަމަލާތައް ޖިރޯނާގެ ގޯލްކީޕަރު، ޕައުލޯ ގަޒާނިގާ ވަނީ ހުއްޓުވައިފައެވެ.
މެޗުގެ ފަހު 30 މިނެޓަށްދިޔައިރު ޖިރޯނާ އިން ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން، މެޗުގެ 62 ވަނަ މިނެޓުގައި ޖިރޯނާ އިން ވަނީ އެއްވަރުކުރުމާ ގާތަށް ޖެހިލައިފައެވެ. ސްޕެއިނުގެ އޮލިމްޕިކްސް ޓީމުގައި ހިމެނުނު ފޯވާޑް، އަބެލް ރުއިޒް ކައުންޓަ އެޓޭކެއްގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
އޭގެ 10 މިނެޓުފަހުން، މެޗުގެ 72 ވަނަ މިނެޓުގައި ޖިރޯނާ އިން އެއްވަރުކުރީ ބަދަލުކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން އާއެކު އެވެ. ޖިރޯނާ އަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ނެދަލެންޑްސްގެ ޒުވާން މިޑްފީލްޑަރު، ގެބްރިއެލް މިސެހޫއީ މި ލަނޑުޖަހައިދިނީ އިކާ އަލްމޭނާ ނަގައިދިން ހުރަހެއްގެ އެހީގައެވެ.
ޖިރޯނާ އިން އެއްވަރުކުރިތާ މިނެޓެއްގެ ތެރޭގައި ބެޓިސް މޮޅުކޮށްދޭން އެ ޓީމުގެ ޗިމީ އަވީލާ އެކްރޮބެޓިކް ވޮލީ އަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އޭގެފަހުން ވެސް ދެ ޓީމުން ވަނީ ލަނޑުޖަހަން ލިބުނު ގިނަ ފުރުޞަތުތަކެއް ނަގާލައިފައެވެ.
މި ފަހަރުގެ ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ގެޓަފޭ އިން ވަނީ އެންމެ ފަހުގެ ކޮޕާ ޑެލް ރޭގެ ޗެމްޕިއަން، އެތުލެޓިކް ބިލްބާއޯއާ 1-1 އިން އެއްވަރުކޮށްފައެވެ. މި މެޗުގައި ބިލްބާއޯގެ ލަނޑުޖަހައިދިނީ އޮއިހާން ސަންޗެޓް އެވެ. އޭގެފަހުން، ފަހު ހާފުގައި ގެޓަފޭ އަށް އެއްވަރުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް، ކްރިސްޓިއަން އުޗޭ އެވެ.