ޚަބަރު

ހުޅުމާލޭގެ ހައުސިންގ މަޝްރޫޢު އަންނަމަހު ފަށަނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައުސިންގ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އޮގަސްޓްމަހު ފަށާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާތްގަނޑަކަށް ފަންސަވީސް ހާސް ހައުސިންގ ޔުނިޓް އެޅުމަށްވަނީ ޕްލޭން ކޮށްފައިވާއިރު، ހުޅުމާލެ ދަވަނަ ފިޔަވަހީގައި ސަރުކާރުން އަޅުއްވާ ސޯޝަލް ހައުސިންގެ ތެރެއިން މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާފައިވާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އޮގަސްޓްމަހުގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުއްވުމަށް ޕްލޭން ކުރައްވާފައިވާ ގާތްގަނޑަކަށް ފަންސަވީސް ހާސް ހައުސިންގ މަޝްރޫއުގެ ތެރެއިން ފަނަރަ ހާހަށްވުރެ ގިނަ ހައުސިންގ މަޝްރޫއުގެ މަސައްކަތް މިހާރުވަނީ ކޮންޓްރެކްޓަރުންނާ ޙަވާލު ކުރައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/6654.jpg|ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް / ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރައްވަނީ އެކި ފަންތީގެ ހައުސިން މަޝްރޫޢުތައް ހިމަނުއްވައިގެނެވެ. އެގޮތުން ސޯޝަލް ހައުސިންގ އާއި، މިޑް-ރޭންޖް އަދި ލަގްޒަލީ ހައުސިންގ ދެވަނަ ފިޔަވަހީގައި ހިމެނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރުން ފުރަތަމަ ފިޔަވަހީގައިވެސް އެކި ފަންތިއަށް ޚާއްސަކޮށް، ހައުސިންގ މަޝްރޫއުތައް މިހާރު ކުރިއަށްގެންދެއެވެ. 

މިޑް ރޭންޖް ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން އަމިން ރެވެނިއު އިން ހަދާ 14 ބުރީގެ ތިން ޓަވަރުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން ފުރަތަމަ ފިޔަވަހީގައި އެސްޓީއޯ އިން ތަރައްޤީ ކުރަމުންދާ ހޮޓެލް ކައިރީގައި އަޅާ ލަގްޒަރީ ހައުސިންގގެ މަޝްރޫއުގައި ހަތް ޕާޓީއަކާއެކު އެގްރިމެންޓް ކުރުމަށް މަސައްކަތް ކުރިއަށްދާކަންވެސް ސައިމަން ފާހަގަކުރެއްވިއެވެ.