ޚަބަރު

"ރެޑްނޯޓިސް ނެރެފައިވާ މީހުން ހޯދުމުގައި ކުރިއެރުމެއް ނުލިބޭ"


ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހޯދުމަށް އިންޓަރޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތައް ހޯދުމުގައި މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައާއި ގުޅިގެން 8 މީހަކު ހޯދުމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަނުން އިޢުލާންކޮށްފައިވެއެވެ. މީގެތެރެއިން މިހާތަނަށް ހައްޔަރުކުރެވިފައިވަނީ ޅ.ހިންނަވަރު ނައިލޯންގެ އަޙުމަދު އަޝްރަފް އެކަންޏެވެ. ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ޢުމަރު ވިދާޅުވީ، ރެޑް ނޯޓިސް ނެރެފައިވާ މީހުން ތިބީ އިނގިރޭސިވިލާތުގައި ކަމަށާއި، އެމީހުން ހޯދުމަށް އިނގިރޭސި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބޭކަމަށެވެ. 

ރެޑް ނޯޓިސް ނެރެފައިވާ މީހުން ހޯދަންޖެހޭނީ އެ ނޯޓިސް ނެރެފައިވާ މީހަކު ހުރި ޤައުމެއްގެ ފުލުހުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެމީހުން ތިބި ޤައުމުތަކުން ރެޑް ނޯޓިސް ތަންފީޒްކޮށްދެމުން ނުދާކަމަށެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުޙުމަތުގައި ހައްޔަރުކުރައްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އެކުށް ސާބިތުކުރެވޭ ވަރަށް ފުރިހަމަ ހެކިހޯދިފައިވާކަމަށް އުމަރު ވިދާޅުވާ ވިދާޅުވުން މިއަދުވެސް ތަކުރާރުކުރެއްވިއެވެ. 

މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ އަދީބުގެ މައްޗަށް ޝަރުޢީ ޙުކުމް ނެރެވޭނެކަމަށް ވަރަށް ޔަޤީންވާކަމަށެވެ. 

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހޯދަން އިއުލާންކޮށްފައިވާ ފަރާތްތަށް ފުލުހުންނާއި ހަވާލުމަށް އެ އިދާރާއިން ވަނީ ފަހު ފުރުސަތުދެއްވާފައެވެ. އަދި އެ މީހުން ފުލުހުންނާއި ހަވާލުނުވެއްޖެނަމަ ޣައިރު ހާޒިރުގައި ދައުވާކުރާނެކަންވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.

އެ މައްސަލައާއި ގުޅިގެން ހޯދަން އިއުލާންކުރި އަނެއް 7 މީހުންނަކީ މ. ސެސްނާ މުޙައްމަދު އައްލާމް ޢަބްދުލް ލަތީފާއި، ގ.އޮއިވާލި މުޙައްމަދު ހުސެއިނާއި، ހއ.މުރައިދޫ ވައިޖެހޭގެ މުޙައްމަދު ވިޝާމާއި، ހ.އައިދަ މުޙައްމަދު އަސީލް މުހައްމަދާއި، މ.ލޭންޑް އޮފް ގާރޑަން އަޙްމަދު އިޝްފާހް ޢަލީއާއި، ހ.ރަންވިލާގޭ ހުސެއިން ޝިނާނާއި، ކ.ދިއްފުށި ރަތް ބަގީޗާގޭ އަހްމަދު ފާތިހުއެވެ.