ޚަބަރު

ޑި ލިޓް އާއި މަޒްރައޮއީ ޔުނައިޓެޑަށް ސޮއިކޮށްފި


ބަޔާން މިއުނިކަށް ކުޅެމުންއައި ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އާއި މޮރޮކޯގެ ފުލްބެކް، ނުސައިރު މަޒްރައޮއީ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، ޔުނައިޓެޑުން ވަނީ މި ދެ ކުޅުންތެރިން ގަތުމަށް ބަޔާނަށް ގާތްގަނޑަކަށް 50 މިލިއަން ޕައުންޑް (64.32 މިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑު ޓްރާންސްފާ ފީ އެއް ދޭން އެއްބަސްވެފައެވެ.

ޔުނައިޓެޑްގެ މިހާރުގެ ކޯޗު، އެރިން ޓެން ހާގް އާއެކު ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމްގައި މަސައްކަތްކޮށްފައިވާ މި ދެ ކުޅުންތެރިންގެ ތެރެއިން، ޑި ލިޓް ވަނީ އޭރު އެ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ.

ޑި ލިޓް، 25، އާއެކު ޔުނައިޓެޑުން ވަނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ. އަދި، މަޒްރައޮއީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި ދެ ކުޅުންތެރިންގެ ކޮންޓްރެކްޓްގައި ވެސް އިތުރު އެއްއަހަރަށް އެއްބަސްވުން އައު ކުރުމުގެ މާއްދާއެއް ހިމަނާފައިވެއެވެ.

ޑި ލިޓް ވަނީ 2018/2019 ވަނަ އަހަރުގެ ސީޒަނުގައި އަޔެކްސް އާއެކު ލީގު ކާމިޔާބުކޮށް، ދެންޖެހިގެންއައި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާއެކު އިޓާލިއަން ސެރިއޭ އުފުލާލައިފައެވެ. އަދި އޭގެފަހުން، 2022/2023 ވަނަ އަހަރުގެ ސީޒަނުގައި ބަޔާން އާއެކު ޖަރުމަނު ބުންޑެސްލީގާ ކާމިޔާބުކުރިއެވެ.

މަޒްރައޮއީ، 26، އަޔެކްސް އިން ބަޔާނަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އޭނާ ވަނީ ބަޔާނާއެކު ބުންޑެސްލީގާގެ އިތުރުން ޑީއެފްއެލް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އެ ޓީމަށް ހުރިހާ މުބާރާތެއްގައި 55 މެޗު ކުޅެދީފައިވެއެވެ.

ޑި ލިޓްގެ އިތުރުން މަޒްރައޮއީ ވެސް ވަނީ އެ ދެ ކުޅުންތެރިންގެ ކެރިއަރުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ މިހާރުގެ ކޯޗު، ޓެން ހާގްގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށްފައެވެ. އެގޮތުން، އެ ދެ ކުޅުންތެރިންގެ ކިބައިން އެންމެ ރަނގަޅު ކުޅުން ނެރެދޭނެ ގޮތް ޓެން ހާގް އަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، ޔުނައިޓެޑަށް ބަދަލުވުމުގެ މައިގަނޑު ސަބަބަކީ ޓެން ހާގް ކަމަށް ވެސް ބުނެފައިވެއެވެ.

ޑި ލިޓް އާއި މަޒްރައޮއީ އާއެކު ޔުނައިޓެޑުން މިހާތަނަށް މި ސީޒަނަށް ގެނައި ކުޅުންތެރިންގެ އަދަދުވަނީ ހަތަރަކަށް އަރާފައެވެ. މީގެކުރީން، އެ ޓީމުން ވަނީ ބޮލޯނިއާ އިން ނެދަލެންޑްސްގެ ފޯވާޑް، ޖޯޝުއާ ޒިރްކްޒީ އާއި ލިއްލެ އިން ފްރާންސްގެ ޒުވާން ޑިފެންޑަރު، ލެނީ ޔޯރޯ ގެނެސްފައެވެ.