ސްރީލަންކާގެ ރިޔާސީ އިންތިޚާބު ޞުލްޙަވެރިކަމާއެކު ކުރިޔަށްދިއުމަކީ ތަރައްޤީއާއި ފާގަތިކަމަށް ބާރުއެޅިގެންދާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދަ ޔަޕާ އަބޭވަރްދަނާ އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޢިހްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރިޔާސީ އިންތިޚާބު ޞުލްޙަވެރިކަމާއެކު ކުރިޔަށްދިއުމަށް އެދިވަޑައިގެން އެއީ ސްރީލަންކާގެ ތަރައްޤީއާ ފާގަތިކަމަށް ވެސް ބާރުއެޅިގެންދާނެކަމެއްކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1965ގައެވެ.
ރަސްމިީ ދަތުރުފުޅެއްގައި ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ރާއްޖެ ވަޑައިގަތީ އާދިއްތަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފަނު އިއްޔެ ވަނީ، ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުއްﷲއާއި ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންވަނީ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.