ސިއްހަތު

މޫސުމީ ބަދަލުތަކާ ގުޅުންހުރި ޞިއްޙީ މައްސަލަތައް ގިނަ


ރާއްޖެއަށް ކުރިމަތިވެފައިވާ، ތިމާވެއްޓާއި މޫސުމީ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކާއި އަދި މިފަދަ ކަންކަން ޙައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބޭހޭގޮތުން ޖެނީވާގައި ރާއްޖޭގެ ޞިއްޙަތާބެހޭ ވަޒީރު، އިރުތިޝާމް އާދަމް ވާހަކަފުޅު ދައްކަވައިފިއެވެ.

މޫސުމީ މައްސަލަތަކާ ގުޅިގެން ކުރިމަތިވާ ޞިއްޙީ މައްސަލަތަކާ ބެހޭގޮތުން އެކަމަނާ ވާހަކަފުޅު ދެއްކެވީ ސްވިޓްޒަރލޭންޑްގެ ޖެނީވާގައި މިހާރު ކުރިޔަށްދާ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގައި " ކްލައިމެޓް ޗޭންޖް އެންޑް ހެލްތު : ޓޭކިންގް ސްޓޮކް،ފޯޖިންގް ސޮލިއުޝަންސް" ގެ ނަމުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ކުޑަ އާބާދީއެއް އޮންނަ ރާއްޖޭގެ ރައްޔިތުން ބުއިމަށް ބޭނުންކުރާ ފެނަކީ، ބިމުން ނެގޭ ފެންކަމަށްވީއިރު، މޫސުމީ މައްސަލަތަކާ ހުރެ ފެންފަށަލައަށް އަންނަ ބަދަލުގެ ސަބަބުން، ބޯފެން ލިބުން ދަތިވުމާއި، އަދި ފެން ތަޣައްޔަރުވުމުގެ ސަބަބުން، ސާފު ބޯފެނަށްޖެހޭ މައްސަލަ ފާހަގަކުރައްވާފައިވެއެވެ. މީގެ ނަތިޖާއެއްގެ ގޮތުން، ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ބަލިމަޑުކަން ފެތުރެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ގޮތުން އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ނުރަގަނޅު އަސަރުތަކާއި، ވަކިން ޚާއްޞަކޮށް މީގެ ސަބަބުން ބަލިމަޑުކަމަށް މަގުފަހިވަމުންދާތީ އެކަމާ ހެލްތު މިނިސްޓަރ ކަންބޮޑުވުން ފާހަގަކުރެއްވިއެވެ.