މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހަ ވަނަ އޭޝިއަން އިންޑޯ އަދި މާޝަލް އާޓްސް ގޭމްސް އިން 14 ކުޅިވަރެއް ބޭރުކޮށްލައިފިއެވެ.
ރާއްޖެއިން ވެސް ބައިވެރިވާ މި ގޭމްސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު 21 އިން 30ގެ ނިޔަލަށް ތައިލެންޑްގައެވެ.
ގޭމްސްއިން ބޭރުކޮށްލި 14 ކުޅިވަރުގެ ތެރޭގައި ހިމެނެނީ ބެޑްމިންޓަން، ބާސްކެޓް، ބިލިޔާޑް، އިންޑޯ ހޮކީ، ނެޓްބޯޅަ، އިންޑޯ ސްވިމިން، އިންޑޯ އެތްލެޓިކްސް، އިންޑޯ ރޯވިން، ސޫޓީން، ވޮލީބޯޅަ، ވެއިޓްލިފްޓިން، ޗިއާލީޑިންގ، ފެންސިން އަދި ރެސްލިންގއެވެ. މި އަހަރުގެ ގޭމްސްގައި ރާއްޖެ އިން ވާދަކުރަން ނިންމާފައިވާއިރު ގޭމްސް އިން ބޭރުކުރި ކުޅިވަރުތަކުގެ ތެރޭގައި ރާއްޖެއިން ވާދަކުރި ކުޅިވަރުތައް ހިމެނެއެވެ.
އެންމެފަހުން 2017 ވަނަ އަހަރު ތުރުކުމެނިސްތާނުގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ފަސް ކުޅިވަރަކުން 37 އެތްލީޓުން ވާދަކޮށްފައިވެއެވެ. ރާއްޖެއިން ވާދަކުރި ފަސް ކުޅިވަރަކީ ފުޓްސަލް، ބިލިއާޑް، ސްވިމިން، ޗެސް އަދި އިންޑޯ އެތުލެޓިކްސް އެވެ.
އިންޑޯ ގޭމްސްގައި ނެޓްބޯޅަށް ފުރުސަތު ލިބިގެނިޔައީ ސިންގަޕޫރުގައި ބޭއްވި އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ގަދަ އަށް ޓީމުގައި ތެރޭގައި ހިމެނިގެންނެވެ. އޭޝިއަން އިންޑޯ އަދި މާޝަލް އާޓްސް ގޭމްސް ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަޖެހުމުގައި ލަސްތަކެއް ހުރުމާއެކު 2023 ވަނަ އަހަރުގެ ފަހުކޮޅު ބާއްވަން ތާވަލުކޮށްފައިވާ ގޭމްސް މި އަހަރަށް އަހަރަށް ފަސްކުރަން ޖެހުނެވެ.
ތައިލެންޑުގައި ބާއްވާ ހަ ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސމި އަހަރަށް އޭރު ފަސްކުރަން ނިންމީ 2023 ވަނަ އަހަރުގެ ޖުލައި މަހު ކުރިއަށްދިޔަ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ އަހަރީ އާންމު ޖަލްސާގައެވެ.
މި ގޭމްސް އެންމެ ފުރަތަމަ ބާއްވަން މަސައްކަތްކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17-26 އަށެވެ. ތާރީހަށް ގެނައި ބަދަލުތަކާއެކު ދެން ގޭމްސް ބާއްވަން ތާވަލުކުރީ ފެބްރުއަރީ 24 އިން މާޗް ހަޔަކަށެވެ.
އެންމެ ފަހުން ބޭއްވި އޭޝިއަން އިންޑޯ ގޭމްސްގެ ފުޓްސަލްގައި ރާއްޖެއިން ވަނީ ހަތަރު މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި އޫއޭއީ އަތުން 3-1 އިން ބަލިވިއިރު، އަފްގާނިސްތާން އަތުން ބަލިވީ 6-1 އިންނެވެ. އުޒްބަކިސްތާން އަތުން 9-1 އިން ބަލިވިއިރު، ޗައިނާ އަތުން ބަލިވީ 9-3 އިންނެވެ.