ޚަބަރު

ޤައުމުތަކުގައި ހިންގަމުންދާ ޖަރީމާތައް ރާއްޖެއިން ކުއްވެރިކޮށްފި


މުސްލިމު ޤައުމުތަކުގައި މިހާރު ކުރިޔަށްދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި، އެޤައުމުތަކުގެ މަދަނީންނާއި ދެކޮޅަށް، ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ތުރުކީ ވިލާތުގެ އިސްތަންބޫލްގައި މިހާރު ކުރިޔަށްދާ "ވަރލްޑް ހިއުމެނިޓޭރިއަން ސަމިޓް" ގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އަލް-އުސްތާޛްް މުޙައްމަދު އަނިލް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ މެދު އިރުމަތީގެ މުސްލިމް ޤައުމުތަކުގައި، ބައިނަލް އަޤްވާމީ ހިއުމެނިޓޭރިއަން ޤާނޫންތަކާއި މުޢާހަދާތަކާއި ދެކޮޅަށް މުސްލިމުންނަށް ޙަމަލާދީ ގިނަ ބަޔަކު މަރަމުންދާތީ އެކަމާއި ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާކަމަށެވެ. އަދި ވަކިން ޚާއްޞަ ގޮތެއްގައި އިސްރާއީލުން ހިޞާރުކޮށްގެން އުޅޭ ފަލަޞްޠީނުގެ ބިންތަކުގައި އިސްރާއީލުން ހިންގާ ޣައިރު ޤާނޫނީ ޢަމަލުތައް ސަރުކާރުން ކުށްވެރި ކުރައްވާ ކަމަށާއި ފަލަޞްޠީނުގެ އާއްމު ރައްޔިތުންގެ ހިމާޔަތުގައި އަބަދުވެސް ދިވެހި ސަރުކާރުން ދެމިތިބޭނޭކަމުގެ ޔަޤީންކަން ބަންޑާރަނާއިބު ދެއްވިއެވެ.

ބަންޑާރައ ނައިބު ވިދާޅުވީ ހައްދު ފަހަނައަޅާފައިވާ އަމަލުތަކަކީ ދިވެހި ސަރުކާރުން އެއްވެސް އިރެއްގައި ތަރުޙީބު ދެއްވާ ކަމެއް ނޫންކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ރާއްޖެ މިފަދަ އަމަލުތަކުން ސަލާމަތް ކުރުމުގެ ގޮތުން،ޤާނޫނީ ނިޒާމުގެ ތެރެއިން މިކަން ހުއްޓުވުމަށް، ޤާނޫނީ އޮނިގަނޑު ހަރުދާނާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.