ޚަބަރު

ރާއްޖޭގެ ތާރީޚުގައިވެސް ދެވިފައިނުވާފަދަ އިސްކަމެއް ތެލެސީމިއާގެ މައްސަލަ ހައްލުކުރަން ސަރުކާރުންދޭ: މެޑަމް ސާޖިދާ


  • ތެލެސީމިއާގެ މައްސަލަ އަކީ ޤައުމީ މުހިންމު މައްސަލައެއް

  • ރާއްޖޭގައި ތެލެސީމިއާ ބަލި ފެތުރިފައިވާ މިންވަރު އިތުރު

ރާއްޖޭގެ ތާރީޚުގައި ވެސް ދެވިފައިނުވާފަދަ އިސްކަމެއް ތެލެސީމިއާގެ މައްސަލަ ހައްލުކުރަން ސަރުކާރުން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހެން ވިދާޅުވީ ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭނާ ބެހޭގޮތުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށް ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ތެލެސީމިއާގެ މައްސަލަ އަކީ ޤައުމީ މުހިންމު މައްސަލައެއް ކަމަށެވެ. އަދި ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭނަކީ މުހިންމު ޤައުމީ މަސައްކަތެއް ކަމަށާއި އެއީ އިންސާނީ ޚިދުމަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސާޖިދާ ވިދާޅުވީ މިހާރުވެސް ތެލެސީމިއާ ބަލި ހުރިކަމަށް ކަމާއި ބެހޭ އިދާރާތަކުގައި 955 ކުއްޖަކު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި 666 ކުދިންނަށް ފަރުވާ ދެމުންދާ ކަމަށެވެ. އެއަދަދަށް ބެލުމުން ވެސް ރާއްޖޭގައި ތެލެސީމިއާ ބަލި ފެތުރިފައި އޮތް މިންވަރު އެނގިގެންދާ ކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވަނީ އެއީ ޤައުމުގައި އޮތް ކަންބޮޑުވުމަށް ލުޔެއް ހޯދުމަށް ކުރެވޭ ޢިލްމީ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

"ތެލެސީމިއާ އަކީ އެތައް ގިނަ އާއިލާތަކަކުން ތަހައްމަލު ކުރަމުން އަންނަ ކަމެއް. ނިސްބަތުން ރާއްޖޭގައި މިކަން އޮތީ އިތުރަށް ވިސްނާ ހޭލުންތެރިވާން ޖެހޭ ފަދަ ހާލަތެއްގައި. ސަރުކާރުން މިކަމަށް ދޭ ޚާއްސަ އިސްކަމުގެ ދަށުން ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 14 ކުދިން ބޯންމެރޯ ހަދަން ފޮނުވި. އޭގެތެރެއިން 1 ކުއްޖަކު ފަރުވާ ފުރިހަމަ ކުރުމަށްފަހު މިހާރު ރާއްޖެ ވަޑައިގެންފި. މިއީ ވަރަށް ބޮޑު ހިތްހަމެޖެހުމެއް. ރާއްޖޭގެ ތާރީޚުގައި ވެސް ދެވިފައިނުވާފަދަ އިސްކަމެއް ސަރުކާރުން އެބަދޭ. އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފަރުވާއަށް ބޭނުންވާ މަތީ ފެންވަރުގެ އިންތިޒާމު ހަމަޖައްސަމުންދަނީ" ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލީ ސިއްހީ ވުޒާރާ އާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެންނެވެ. ސިއްހީ ވުޒާރާ އިން ވިދާޅުވީ މާސްޓަރ ޕްލޭންގައި 7 ސިޔާސަތު އެކުލެވިގެންވާ ކަމަށެވެ. އަދި ތެލެސީމިއާގެ ޤާނޫނުގައި ހިމެނޭ ކަންތައްތައް ވެސް މާސްޓަރ ޕްލޭންގައި ހިމަނާފައިވާ ކަމަށާއި މާސްޓަރ ޕްލޭނަށް އަމަލު ކުރަން ފެށުމާއެކު ތެލެސީމިއާ ބައްޔަށާއި ފަރުވާ ދިނުމަށް އައު ކުރިއެރުންތަކެއް ލިބޭނެކަން ސިއްހީ ވުޒާރާ އިން ވަނީ ފާހަގަކުރައްވާފައެވެ.

ތެލެސީމިއާ ޖެހޭ ކުދިންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދީ އެކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޤައުމީ ކެންޕެއިނެއް ވެސް ސަރުކާރުން ފެށިއެވެ. މިއީ ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފެށި ހަރަކާތެކެވެ.