ޚަބަރު

އިދިކޮޅު ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކާވެސް ގުޅުން އޮންނާނެ، ތަފާތެއް ނުކުރާނެ: ވަޒީރު


  • ކައުންސިލްތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ސަރުކާރަށް ތާއިދުނުކުރާ ކައުންސިލްތަކާވެސް ސަރުކާރުން ގުޅުން ޤާއިމު ކުރައްވާނެ ކަމަށާއި އެއްވެސް ކައުންސިލަކާމެދު ތަފާތު ކުރުމެެއް ނުގެންގުޅުއްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި ސަރުކާރުން ކައުންސިލްތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެގޮތުން ކޮންމެ މަހަކުވެސް އެ ވުޒާރާއިން އަތޮޅު ކައުންސިލްތަކާ ބައްދަލުކޮށް، ކައުންސިލްތަކަށް ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކައުންސިލްތައް ބިނާކުރުމުގައި ވުޒާރާގެ ދައުރު ކުރިއަށްވުރެ ފުޅާވެފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ގުޅުން ވަރަށް ރަނގަޅު. ގިނަ ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ދޭން. ރައީސްގެ ޒައާމަތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ކައުންސިލްތަކުން ދޭ ހިދުމަތް އަވަސް ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ލިބިގެންދާނެކަން އަޅުގަނޑަށް ޔަޤީން" އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މާލޭސިޓީގެ ތަރައްޤީއާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މާލެ ސިޓީގެ ތަރައްޤީއަށް ދުރު މުސްތަޤްބަލަށް ރޭވިގެން ޕްލޭނެއް ހެދިފައި ނެތް ކަމަށެވެ. އަދި މާލޭގައި ވަރަށް ގިނަ މައްސަލަތައް ހައްލު ކުރަން އެބަހުރި ކަމަށާއި، އެގޮތުން މަގުތަކާއި ގެދޮރުގެ މައްސަލައާއި ޕާކިން މައްސަލަ ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ގެނެސް، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރުގައި އެބައޮތްކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ސިޓީ ކައުންސިލާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސައްކަތްތައް ހަލުވި ކުރެއްވުމަށް، ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިނިސްޓީރީއަލް ކޮމިޓީއެއް އެކުލަވާލެއްވި ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި، އެ ކޮމިޓީގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ހިމެނިވެވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްތަކާއި ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން މިހާތަނަށް ގިނަ ރަށްތަކަށް ވަޑައިގެން ކައުންސިލްތަކާއި ބައްދަލުކުރައްވާފައިވާއިރު އެކަމުން ވެސް ހާމަވެގެންދަނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތުކަންކަމަށް ވަޒީރު ވިދާޅުވިއެވެ.

ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައްވެސް ހޯދައިދެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.