ޚަބަރު

ޚާރިޖީ ވަޒީރު ބަހްރައިންގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި


  • މި ބައްދަލުކުރެއްވުމުގައި މުހިއްމު މަޝްވަރާތަކެއް ބޭއްވެވި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަހްރައިންގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޚާރިޖީ ވަޒީރު މިހާރު ބަޚްރައިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޚާރިޖީ ވަޒީރު ވަނީ ބަހުރައިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް ޚަލީފާއަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވެވި ޚާއްސަ ސިޓީފުޅެއް ރައްދުކޮށްދެއްވުމަށް ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއަށް އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ދިވެހިރާއްޖެއާއި ބަޚްރައިންއާއި ދެމެދު ގުޅުން ބަދަހިކުރުމާއި އެއްބާރުލުން ދެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ބަޚްރައިންއާއެކު އޮތް ގާތް ގުޅުން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ މި ދަތުރުފުޅަކީ ބަހްރައިންގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިންގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ މިނިސްޓަރާއި އޮއިލް އެންޑް އެންވަޔަރަމަންޓް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާވެސް ބައްދަލުކުރައްވައި އެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ޚާރިޖީ ވަޒީރު ބަޙްރައިނަށް ކުރައްވާ މި ދަތުރުފުޅުގައި އެމްބެސެޑަރ އެޓް ލަރޖް އަހުމަދު ނަސީރާއި ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު ހިމެނޭހެން ޚާރިޖީ ވުޒާރާގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖެއާއި ބަޙްރައިނާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރިތާ މިއަހަރަށް 44 އަހަރު ފުރޭނެއެވެ.