ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ބާރުވެރިކުރުމަށް
ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާޙިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައެވެ.
ޒުވާނުންގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވީ ޒުވާނުންނަކީ މާޒީއާއި މުސްތަޤުބަލް ގުޅުވައިދޭ ފާލަންކަމަށެވެ. އަދި ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ އެންމެ ބާރުގަދަ ވަސީލަތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިބްރާޙިމް ވަހީދު ވިދާޅުވީ ޒުވާނުންނަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކޮށް، ޒުވާނުންނަކީ ގައުމަށް ފައިދާހުރި، ގައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ފައްޓަވާފައިވާކަމަށެވެ. މީގެ ތެރެއިން އެއް މަސައްކަތަކީ ޒުވާނުންނާބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުންކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ، އޭގެ ފޮނި މޭވާ، ލަސްތަކެއް ނުވެ ދިވެހި ޒުވާނުންނަށް ލިބޭނެކަމަށެވެ.
މި ސިޔާސަތު އެކުލަވާލުމުގައި ޒުވާނުންނާއި މަޝްވަރާ ކުރައްވާނެކަމަށާއި އަދި ސިޔާސަތުތައް އެކުލަވާލާނީ އެއްވެސް ޒުވާނަކު ބާކީ ނުވާގޮތަށްކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ޒިންމާދާރު މަސައްކަތްތަކެއް ކުރާ، ހުނަރުވެރި ޒުވާނުން ރާއްޖޭގައި ގިނަކަމަށެވެ. އެއާއެކު ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ކުރިއަރުވާ ފުރުޞަތުތައް ހޯދައިދިނުމަކީ އިސްކަންދޭ މުހިންމު ދާއިރާއެއްކަމަށް އިބްރާޙިމް ވަޙީދު ވިދާޅުވިއެވެ. އެގޮތުން މިއަހަރު ކުރީކޮޅު 250 ޒުވާނުން ހިމެނޭގޮތަށް ބޭއްވި ހެކަތޮންއިން ދިވެހި ޒުވާނުންގެ އާދަޔާ ޚިލާފު ހުނަރުތައް ފެނިގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތާއި ހުނަރުގެ ތެރެއިން ޒުވާނުން ވަޒީފާއަށް ނެރުން. ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށް، އެޒުވާނެއްގެ ތަޢުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު އާމްދަނީއެއް ލިބޭ އަދަދަށް، 5 އަހަރުގެ ތެރޭގައި، ވަޒީފާގެ ބާޒާރު އަޅުގަނޑުމެން ފުޅާކުރާނަން." ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވިއެވެ.
ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުމަށް ކުރިއަށްގެންދާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކުގައި މިވަގުތުވެސް 240 ޒުވާނުން ތަމްރީންވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ކަނޑައެޅި "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ޒުވާނުންނަށް ޚާއްސަކޮށް 32 ސިޔާސަތެއް ހިމަނާފައިވެއެވެ. ވަޒީރު ވިދާޅުވި މިއީ ޒުވާނުންގެ ކުރިމަގު ކަނޑައަޅައިދޭ މަގުޗާޓެއްކަމަށެވެ. އަދި ޒުވާނުން ކުރިއެރުވުމުގައި ސަރުކާރުން ދޭންޖެހޭ އެހީއާއި އެއްބާރުލުން އެންމެ ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ޒުވާނުންގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައި ވަޒީރު ވިދާޅުވިއެވެ.