މިމަހު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ރާޅާއެޅުންތެރިންގެ ގައުމީ ޓީމުގައި ހިމެނޭ އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކާ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މުބާރާތުގައި ރާއްޖެއިން 14 އެތުލީޓުން ވާދަކުރެއެވެ. އެއީ ދެ ޓީމަކަށް ބަހާލައިގެންނެވެ. ރާއްޖޭގެ ސާފިން އޭ ޓީމާއި ބީ ޓީމު ކަނޑައެޅުމަށް ކުރިއަށް ގެންދިޔަ ޓްރިއަލްއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ރާއްޖެއިން ވާދަކުރާ މެންސް ސީނިއާ އޭ ޓީމުގައި ހިމެނުނީ ކެޕްޓަން އަހުމަދު އާގިލް (އަންމަޑޭ) އާއި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ)ގެ އިތުރުން ހޫދު އަހުމަދު (ހޫބްސް)އެވެ.
ބީ ޓީމުގައި ހިމެނެނީ ހަސަން ނާސިހް (ޗިކާ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޖާގަ ވައިލްޑް ކާޑުގެ ގޮތުގައި ތުލުސްދޫއިން އަހްމަދު އިޝާމް ޝަމީމް (ހިޝައްޓެ) އެވެ. މެންސް ސީނިއާ ޓީމުގެތަކުގެ އިތުރުން ރާއްޖޭގެ ސާފިން ޖޫނިއާ އޭ ޓީމާއި ބީ ޓީމުވެސް ވަނީ ޓްރިއަލްއަށްފަހު ކަނޑައަޅާފައެވެ. މިގޮތުން އޭ ޓީމުގައި ހިމެނެނީ ޔާސީން އަހުމަދު ނާޝިދު އާއި ކަޔާން ހަމްދާން ޒަކީގެ އިތުރުން ސައްޔިދު ސަލާހުއްދީނެވެ. އަދި ޖޫނިއާ ބީ ޓީމުގައި ހިމެނެނީ މުހައްމަދު އިނާން އަބްދުލް ހައްނާނު އާއި ކަޔާން އަބްދުﷲގެ އިތުރުން މުހައްމަދު ޒަޔާނެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސާފިން މެންސް އޭ ޓީމާއި ޖޫނިއާ އޭ ޓީމު ވާދަކުރާނީ 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ކޮލިފައިން ބުރުގައެވެ. އަދި ބީ ޓީމުތަށް ކޮލިފައިން ބުރުގައި ވާދަނުކުރި ނަމަވެސް ބީ ޓީމުތައްވެސް ރޭންކް ކުރެވިގެންދާނެއެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ރާއްޖޭގައި ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުވެސް މި މުބާރާތް ބާއްވާފައިވަނީ ތުލުސްދޫގައެވެ. މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް އޭޝިއަން ރޭންކިންގެ ސިލްވަރ މެޑަލް ލިބިފައިވާއިރު ޓީމް އިވެންޓުން ބްރޯންޒް މެޑަލްވެސް މިދިޔަ އަހަރުގެ މުބާރާތުން ރާއްޖެއަށް ވަނީ ލިބިފައެވެ. އަދި މީގެ އިތުރު މެންސް ކެޓަގަރީގެ ބްރޯންޒް މެޑަލް ރާއްޖޭގެ ހުސެއިން އަރީފު (އިބޫ) އަށް ވަނީ ލިބިފައެވެ.