ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެނުންގެ ބާސްކެޓްބޯޅަ އިވެންޓުގައި އެމެރިކާއިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ރަން މެޑެލް ހާސިލުކޮށްފިއެވެ.
1936 ވަނަ އަހަރު ބާލިންގައި ބޭއްވުނު އޮލިމްޕިކްސްގައި 5 އޮން 5 ބާސްކެޓްބޯލް މެޑަލް ކުޅިވަރެއްގެ ގޮތުގައި ތަޢާރަފުވީއްސުރެ، މިހާތަނަށް ބޭއްވި 21 އޮލިމްޕިކްސްގެ ތެރެއިން 17 ގޭމްސްގައި އެމެރިކާ އިން ވަނީ ރަން މެޑަލް ހޯދާފައެވެ. އެގޮތުން، މިދިޔަ ފަސް އޮލިމްޕިކްސްގެ އިތުރުން އެންމެ ފަހުން ބޭއްވި ނުވަ އޮލިމްޕިކްސް ތެރެއިން އަށް ގޭމްސްގައި އެމެރިކާ އިން ވަނީ ރަން މެޑަލް ހާސިލްކޮށްފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި އެމެރިކާ އިން ވަނީ 98-87 އިން ގޭމްސްގެ ހޯސްޓް، ފްރާންސް ބަލިކޮށްފައެވެ. މި މެޗުން އެމެރިކާ މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ތްރީ ޕޮއިންޓް ވައްޓާލުމުގައި އެ ޓީމުން ދައްކުވައިދިން ފުރިހަމަ ކުޅުމެވެ.
އެމެރިކާ އިން އެންމެ ރަނގަޅަށް ކުޅުނު ޕޮއިންޓް ގާޑް، ސްޓެފް ކަރީ ވަނީ ޖުމްލަ އަށް ތްރީ ޕޮއިންޓް ވައްޓާލައިފައެވެ. މިއާއެކު، ކަރީ ވަނީ ޖުމްލަ 24 ޕޮއިންޓް އެއްކޮށްދީފައެވެ.
އޭނާ ވަނީ މިދިޔަ ދެ މެޗުގައި މުޅި ޖުމްލަ 17 ތްރީ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ މި ފަހަރުގެ ގޭމްސްގެ އެމްވީޕީ އަށް ހޮވުނު، ލެބްރަން ޖޭމްސް އެވެ. ޖޭމްސް ވަނީ 14 ޕޮއިންޓާއެކު، ހަތް ރީބައުންޑްނަގައި 10 އެސިސްޓް ހަދާފައެވެ. ޑެވިން ބުކާ އާއި ކެވިން ޑުރާންޓް ކުރެން ކޮންމެ ކުޅުންތެރިއަކު 15 ޕޮއިންޓް އެއްކުރިއެވެ.
މި މެޗުގައި ފްރާންސަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ އެންބީއޭގެ ރުކީ އޮފް ދި އިޔާގެ މަގާމު ސަން އެންޓޯނިއޯ އާއެކު ނިމިދިޔަ ސީޒަނުގައި ހޯދާފައިވާ، ވިކްޓަ ވެންބަންޔާމާ އެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއްދެއްކި ވެންބަންޔާމާ ވަނީ 26 ޕޮއިންޓް އެއްކޮށްދީފައެވެ. މިއާއެކު، ވެންބަންޔާމާ ވަނީ ރަން މެޑެލް މެޗެއްގައި އެމެރިކާއާ ދެކޮޅަށް މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ޕޮއިންޓް އެއްކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު ގޭޝޮން ޔަބޫސެލޭ ވަނީ 20 ޕޮއިންޓް އެއްކޮށްފައެވެ.
މިއަހަރުގެ ގޭމްސް އާއެކު އެމެރިކާގެ ޑުރާންޓް ވަނީ މިހާތަނަށް ބާސްކެޓްބޯޅައިގައި އެންމެ ގިނަ އޮލިމްޕިކްސް ރަން މެޑެލް ހާސިލްކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާ ވަނީ މިހާތަނަށް ހަތަރު ރަން މެޑެލް ހާސިލްކޮށްފައެވެ.