މިމަހު ރާއްޖޭގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭ ގައުމީ ސާފިން ޓީމުގެ ކެޕްޓަނަކަށް އަހުމަދު އާގިލް (އަންމަޑޭ) ހަމަޖައްސައިފިއެވެ.
ކ.ތުލުސްދޫ އަށް އުފަން އައްމަޑޭ ގައުމީ ސާފިން ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އޭނާގެ ޕާފޯމެންސްއަށް ބެލުމަށް ފަހުގައި ކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ ބުނެފައެވެ.
2022 ވަނަ އަހަރުގެ ކުޅިވަރު އެވޯޑުގެ ފިރިހެން އެންމެ މޮޅު ސާފިން އެވޯޑުވެސް ހާސިލްކޮށްފައިވާ އައްމަޑޭ ވަނީ 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދިވެހި ސާފް ލީގު 2022 ވަނަ އަހަރު ހޯދާފައެވެ. އެ އަހަރު އައްމަޑޭ ވަނީ ދިވެހި ސާފް ލީގުގެ ފަސް މުބާރާތުގެ ތެރެއިން ދެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރު ކުރިއަށްދިޔަ ދިވެހި ސާފް ލީގުގެ މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ޗެމްޕިއަންކަމާއި ލީގުގެ ފަހު މުބާރާތް ރަންނަމާރި ޗެލެންޖުވެސް ކާމިޔާބުކޮށްފައިވަނީ އައްމަޑޭއެވެ.
ބޭރުގެ ސާފިން މުބާރާތް ތަކުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ އައްމަޑޭ ވަނީ މިދިޔަ އަހަރު އެލް ސަލްވަޑޯގައި ކުރިއަށްދިޔަ ސާފިން ވޯލްޑް ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުންވެސް ޖާގަ ހޯދާފައެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު ކ.ތުލުސްދޫގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ޓީމުގައިވެސް އައްމަޑޭ ވަނީ ހިމެނިފައެވެ.
އެންމެ ފުރަތަމަ ގައުމީ ސާފިން ޓީމެއް އެކުލަވާލީއްސުރެ ގައުމީ ސާފިން ޓީމުގައި ހަރަކާތްތެރިވަމުން އަންނަ އައްމަޑޭ ވަނީ މިފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ސީނިއާ ސާފިން އޭ ޓީމުންވެސް ޖާގަ ހޯދާފައެވެ. އައްމަޑޭ އާއި އެކު ދެން ސާފިން އޭ ޓީމުގައި ހިމެނެނީ އިސްމާއިލް މިގްލާލް (ކުޑައިއްސެ) އާއި ހޫދު އަހުމަދު (ހޫބްސް)އެވެ.
ގައުމީ ސާފިން ސީނިއާ ޓީމުގެ ކެޕްޓަނަކަށް އައްމަޑޭ ހަމަޖައްސާފައިވާއިރު، ގައުމީ ޖޫނިއާ ސާފިން ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ސައްޔިދު ސަލާހުއްދީންއެވެ. އަދި މީގެ އިތުރުން މި މަހުގެ 17 ވަނަ ދުވަހު ކ.ތުލުސްދޫގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ގައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ޖިހާދު އަހުމަދު (ޖޯޑީ)އެވެ.