ޚަބަރު

ފުވައްމުލަކު ސްކޫލްތަކުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބޭއްވުން


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސަދަން އޭރިއާއިން ޏ.ފުވައްމުލަކު ޝެއިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލާއި ހާފިޘް އަޙްމަދު ސުކޫލު އަދި ފުވައްމުލަކު ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ބާއްވައިފިއެވެ.

އިއްޔެއާއި މިއަދު އެ ސްކޫލުތަކުގައި ވަކިވަކިން ކުރިއަށްގެންދިޔަ މި އިވެކްއޭޝަން ޑްރިލްއަކީ ސްކޫލުގައި ހިނގައިފާނެ އަލިފާނުގެ ހާދިސާތަކުގައި އަމަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އެކުލަވާލާފައިވާ "ފަޔަރ އިވެކުއޭޝަން ޕްލޭން" އަށް ފަރިތަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ އިވެކުއޭޝަން ޑްރިލެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

img:http://s2.psmnews.mv/images/660x400/14640054363486.jpg|ފުވައްމުލަކުގައި ކުރިއަށްގެންދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ސްކޫލުން ނުކުމެގެން ސަލާމަތްތެރި ހިސާބަކަށް ދާނެ މަގުތައް ދެނެގަތުމުގެ އިތުރުން، އެފަދަ ހާދިސާއެއް ދިމާވެގެން އުޅޭ މާހައުލެއްގައި މީހުން އުފުލުމާއި، މީހުންނަށް އެހީތެރިވުމުގައި ކަންތައް ކުރަންޖެހޭނެ ގޮތްތައް ފަރިތަކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި އިވެކުއޭޝަން ޑްރިލްގައި އެސްކޫލްތަކުގެ ހުރިހާ ގުރޭޑް ތަކެއްގެ ދަރިވަރުންނާއި ޓީޗަރުން އަދި އިދާރީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.