ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެނުންގެ ބާސްކެޓް ބޯޅަ އިވެންޓްގައި ރޭ ސާބިއާ ބަލިކޮށް، ފޭވަރިޓުން ކަމަށްވާ އެމެރިކާ އިން ފައިނަލަށް ދަތުރުކޮށްފިއެވެ.
ފައިނަލްގައި އެމެރިކާ ނިކުންނާނީ ރޭ ކުޅުނު ފުރަތަމަ ސެމީގައި ޖަރުމަނު ބަލިކުރި ފްރާންސާ ދެކޮޅަށެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ސެމީ ފައިނަލްގެ ދެވަނަ މެޗުން އެމެރިކާ މޮޅުވީ 95-91 އިންނެވެ. މި މެޗުން އެ ޓީމު މޮޅުވުމުގައި މުހިއްމު ރޯލެއް އަދާކުރީ ފަހު ކުއާޓާގެ ކުޅުމުގެ ތެރެއިން ދެ ސިކުންތުގެ ތެރޭގައި އެއްކުރި ހަ ޕޮއިންޓެވެ.
އެގޮތުން، ރޭގެ މެޗުގެ ތިންވަނަ ކުއާޓާ ނިމިގެންދިޔައިރު 76-63 އިން ސާބިއާ އޮތީ ލީޑްގައެވެ. އަދި އެއަށްފަހު ހަތަރުވަނަ ކުއާޓާގެ މެދަކާ ހަމައަށް ދަންދެން ސާބިއާ އޮތީ 11 ޕޮއިންޓްގެ ލީޑެއްގައެވެ. އެމެރިކާ އިން ފަހު ކުއާޓާގައި ތަފާތު ދެއްކީ، އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ، ލެބްރަން ޖޭމްސް އާއި ސްޓެފް ކަރީ މުހިއްމު ވަގުތުތަކުގައި އެއްކުރި ޕޮއިންޓްތަކުންނެވެ.
އެމެރިކާ އަށް ރޭގެ މެޗުގައި އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ކަރީ އެވެ. އޭނާ ވަނީ 36 ޕޮއިންޓް އެއްކޮށްފައެވެ. އޭގެތެރޭގައި، ނުވަ ތްރީ ޕޮއިންޓް ފޮނުވާލައިފައިވެއެވެ. އަދި މެޗުގެ ކުޅުން ނިމެން އަށް ސިކުންތަށްވެފައިވަނިކޮށް ކާމިޔާބުކުރި ދެ ފްރީތްރޯ ވެސް ހިމެނެއެވެ.
މި ފަހަރުގެ ގޭމްސްގެ ފިރިހެނުންގެ ބާސްކެޓް ބޯޅަ އިވެންޓްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމެރިކާގެ ޖޭމްސް، 39، ވަނީ ޓްރިޕްލް ޑަބަލްއެއް ހަދައިފައެވެ. އޭނާ ވަނީ 16 ޕޮއިންޓާއެކު 12 ރީބައުންޑް ނަގައި، 10 އެސިސްޓް ހަދައިފައެވެ. މިއީ އޮލިމްޕިކްސްގައި ޓްރިޕްލް ޑަބަލްއެއް ޖޭމްސް ހެދި ދެވަނަ ފަހަރެވެ.
ރޭގެ މެޗު ފެށިގެން ފުރަތަމަ ތިން ކުއާޓާގައި ލީޑްކުރަމުންދިޔަ ސާބިއާ އިން އެންމެ ރަނގަޅަށް ކުޅުނީ ބޮގްޑާން ބޮގްޑަނޮވިޗް އެވެ. އޭނާ ވަނީ 20 ޕޮއިންޓް އެއްކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ނިކޮލާ ޖޮކިޗް 17 ޕޮއިންޓް އެއްކުރިއިރު، އަލެކްސާ އަވްރަމޮވިޗް 15 ޕޮއިންޓް އެއްކުރިއެވެ.
ރޭ ކުޅުނު އަނެއް ސެމީގައި ހޯސްޓް، ފްރާންސް ވަނީ 73-69 އިން ޖަރުމަނު ބަލިކޮށްފައެވެ.
އެމެރިކާ އާއި ފްރާންސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މިއަހަރުގެ ގޭމްސްގެ ރަން މެޑެލް މެޗު އޮތީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގަޑިން 12:30 ގައެވެ.