ޚަބަރު

ވަޒީފާއަށް ފަރުވާ ކުޑަކުރުމަކީ ވެވޭ ޚިޔާނާތެއް- މިނިސްޓަރ


ވަޒީފާއަށް ފަރުވާ ކުޑަކުރުމާއި، ވަޒީފާގެ މައިދާނުގައި ޙަވާލުކުރެވޭ މަސައްކަތްތައް ނުނިންމުމަކީވެސް ވެވޭ ޚިޔާނާތެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ސޮއިކުރެއްވުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ، ދިވެހި ސިވިލް ސަރވިސްގައި 23 ހާހަށްވުރެ ގިނަ މުވައްޒަފުން ވަޒީފާކުރަމުންދާއިރު، ވަޒީފާއަށް އަންނައިރު ސޮއިކުރާ އަހްދުނާމާއަށް ޚިޔާނާތްތެރުވުމަކީ، ދަޢުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވުމަށްވުރެ ބޮޑު ޚިޔާނާތެއްކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ކޮންމެ މުވައްޒަފަކުވެސް އެ މުވައްޒަފެއްގެ ޒިންމާ އަދާކުރެވެނީ ކިހާވަރަކަށްތޯ އަމިއްލަ ނަފުސާ ސުވާލުކޮށް އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު ޚިޔާނާތްތެރިވެދާނެ ހުރިހާ ކަމަކުން ދެރުވެވެގެން ތިބެންޖެހޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޙަސަން ލުތުފީ ވިދާޅުވީ، ރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމަށް ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައިވާކަމަށެވެ. މި ގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ އަދަދު އިތުރުވަމުންދާތީ ކުރިމަތިވާ މައްސަލަތަކުގެ މައްޗަށް ލުތުފީ އަލިއަޅުއްވާލެއްވިއެވެ.

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދަކީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނޭޝަނަލް އިންޓަރގްރިޓީ ޕްލޭންގެ ދަށުން ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ފައްޓަވާފައިވާ މަސައްކަތެކެވެ.

މި މަސައްކަތުގެ ތެރެއިން ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މުވައްޒަފުންނާއި، ޢާއްމުން މި އަހަރު ނިމުމުގެ ކުރިން ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރެއްވުމަށް އޭސީސީން ގެންދަވަނީ މަސައްކުރައްވަމުންނެވެ.