ޚަބަރު

27 އަހަރުގެ ތެރޭގައި ސްރީ ލަންކާ އިން ވަންޑޭ ސީރީޒް އަކުން އިންޑިއާގެ މައްޗަށް ކުރިހޯދައިފި


އިއްޔެ ކޮލޮމްބޯގައި ކުޅުނު ތިންވަނަ މެޗު 110 ލަނޑުގެ ތަފާތަކުން ކާމިޔާބުކޮށް، 27 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސްރީ ލަންކާ އިން ބައިލެޓަރަލް ވަންޑޭ އިންޓަނޭޝަނަލް ސީރީޒްއަކުން އިންޑިއާގެ މައްޗަށް ކުރިހޯދައިފިއެވެ.

އެންމެ ފަހުން، ސްރީ ލަންކާއިން އިންޑިއާއާ ދެކޮޅަށް ބައިލެޓަރަލް ވަން-ޑޭ ސީރީޒްއެއް ކާމިޔާބުކޮށްފައިވަނީ 1997 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. އޭގެފަހުން، ކުޅުނު 13 ސީރީޒްގައި އިންޑިއާއިން ބަލިވެފައެއްނުވެއެވެ. އޭގެ ތެރެއިން 11 ސީރީޒް ކާމިޔާބުކޮށް، އަނެއް 2 ސީރީޒް ނިމުނީ އެއްވަރުވެގެންނެވެ.

މި ދެ ޓީމުގެ ދެމެދުގައި އެންމެ ފުރަތަމަ ކުޅުނު މެޗު އެއްވަރުވެގެން ނިމުނުއިރު، ދެވަނަ މެޗުން ސްރީ ލަންކާ މޮޅުވީ 32 ލަނޑުންނެވެ. މިއާއެކު، ސްރީ ލަންކާ އިން ސީރީޒް ކާމިޔާބުކުރީ 2-0 އިންނެވެ.

އާރް ޕްރެމަދާސާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ސްރީ ލަންކާ އިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް 248 ލަނޑުހެދިއެވެ. މި އިނިންގްސްގައި ސްރީ ލަންކާ އިން އެންމެ ރަނގަޅަށް ކުޅުނީ 102 ބޯޅައިން 96 ލަނޑުހެދި އަޝްވިކާ ފެނާންޑޯ އެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު ވިކެޓްކީޕަރު ބެޓްސްމަން، ކުސާލް މެންދިސް 59 ލަނޑުހެދިއިރު، ޕަތުމް ނިސާންކަ ނުބައިވީ 45 ލަނޑަށެވެ.

އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ އެއްދުވަހުގެ ބައިނަލްއަގުވާމީ މެޗެއްގައި މުޅިން އަލަށް ކުޅުނު ރިޔާން ޕަރާގް އެވެ. އޭނާ ވަނީ ނުވަ އޯވަރުގެ ތެރޭގައި 54 ލަނޑަށް ތިން ވިކެޓްނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކި އަކްޝަރު ޕަޓޭލް އާއި ވޮޝިންގޓަން ސުންދަރް އަދި ކުލްދީޕް ޔާދަވް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ. އާންމުކޮށް މޮޅު ކުޅުމެއްދައްކަމުން އަންނަ މުޙައްމަދު ސިރާޖްގެ އުކުމުގައި ތަފާތެއްނުދެއްކި، ނުވަ އޯވަރުގެތެރޭގައި 78 ލަނޑުދީފައިވެއެވެ. އޭނާ އަށް ނެގުނީ އެންމެ ވިކެޓެކެވެ.

ޖަވާބުގައި ކުޅެން އެރި އިންޑިއާގެ ހުރިހާ ކުޅުންތެރިން 26.1 އޯވަރުގެ ތެރޭގައި ނުބައިވީ އެންމެ 138 ލަނޑަށެވެ. މިހާ ދަށް ސްކޯއަކަށް އިންޑިއާގެ ކުޅުންތެރިން ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރީ ސްރީ ލަންކާގެ ލެފްޓް-އާމް ސްޕިނަރ ދުނިތު ވެލަލާގެ އެވެ. އޭނާ ވަނީ 5.1 އޯވަރުގެ ތެރޭގައި 27 ލަނޑަށް ފަސް ވިކެޓްނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކީ މަހީޝް ތީކްޝާނާ އާއި ޖެފްރޭ ވެންޑާސޭ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ރޯހިތު ޝަރްމާ އެވެ. ރޯހިތު ވަނީ 20 ބޯޅައިން 35 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ވޮޝިންގޓަން ސުންދަރް ވަނީ 25 ބޯޅައިން 30 ލަނޑުހަދައިފައެވެ. އޭނާގެ މި އިނިންގްސްގައި ތިން ފަހަރު ހަޔަކަށް، ދެ ފަހަރު ހަތަރަކަށް ޖަހައިފައިވެއެވެ. އިންޑިއާގެ ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ނުބައިވީ އެންމެ 20 ލަނޑަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސްރީ ލަންކާގެ ކެޕްޓަން، އަސަލަންކާ ބުނީ، އެ ޓީމުގެ ކޯޗު ހިމެނޭ ގޮތަށް ހުރިހާ އެންމެންވެސް ތިބީ ރަނގަޅު މޫޑެއްގައި ކަމަށެވެ. އަދި ޓީމަށް ބައެއް ބަދަލުތައް ގެނެސް، ހުރިހާ ކުޅުންތެރިންވެސް ޓީމު ތެރޭގައި އޮތް މާހައުލާއެކު ވަރަށް ބޮޑަށް އެންޖޯއީ ކޮށްފައިވާ ކަމަށް ވެސް އަސަލަންކާގެ ވާހަކައިގައި ފާހަގަކުރިއެވެ.

މިއީ އައު ކެޕްޓަން، އަސަލަންކާ އަދި ވަގުތީ ހެޑް ކޯޗު، ސަނަތު ޖަޔަސޫރިޔާގެ އިރުޝާދުގެ ދަށުން ސްރީ ލަންކާއިން ކާމިޔާބުކުރި ފުރަތަމަ ލިމިޓެޑް-އޯވަރސް ސީރީޒްއެވެ. ކުރީގެ ކްރިކެޓް ލެޖެންޑް، ޖަޔަސޫރިޔާ ކޯޗުގެ މަގާމާ ހަވާލުވެފައިވަނީ، އެންމެ ފަހުގެ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސްރީ ލަންކާ ކެޓުމުން އޭނާ މަގާމުން އިސްތިއުފާދިނުމާ ގުޅިގެންނެވެ.

މި ދެ ޓީމުގެ މެދުގައި މިދިޔަ މަހު ކުޅެވުނު ޓްވެންޓީ20 ސީރީޒް 3-0 އިން ކާމިޔާބުކުރީ އިންޑިއާ އެވެ.