ޚަބަރު

ފެނަކައިގެ ޚިދުމަތްތައް ދިރާސާކޮށް މުވައްޒަފުން ތަމްރީންކުރަން ވިލާ ކޮލެޖާއެކު އެއްބަސްވުމެއް


  • މުވައްޒަފުން ޔޫއާރްއޭ މިންގަނޑަށް ތަމްރީންކުރާނެ

  • ޚިދުމަތުގެ ފެންވަރު ދެނެގަތުމަށް ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައި

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށާއި އެކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭ ދިރާސާތައް ހެދުމަށް ވިލާ ކޮލެޖާއެކު އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

މިފަހުމުނާމާގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބެވެ.

މިފަހުމުނާމާގައި ސޮއިކުރުމަށް ފަހު، ދެ އިދާރާ ގުޅިގެން ޕްރޮގްރާމްތައް ހިންގާނެގޮތާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފެނަކައާއި ވިލާ ކޮލެޖާ ދެމެދު ޤާއިމުކުރި އެއްބަސްވުމުގެ ދަށުން، ގުޅުން ހުރި ދާއިރާތަކުން ކުންފުނީގެ މުވައްޒަފުންނަށް ތަފާތު ތަމްރީންތައް ހިންގާނެއެވެ. ވަކިން ޚާއްސަކޮށް ޓެކްނިކަލް މުވައްޒަފުން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޔޫއާރްއޭ މިންގަނޑަށް ތަމްރީންކޮށް، އެކަމުގެ ސެޓިފިކޭޝަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފެނަކައިގައި މިހާރު މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ޓެކްނިކަލް މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން ހުރި މީހުން ނަމަވެސް ޤައުމީ ފެންވަރުގައި ޤަބޫލުކުރާ ސެޓްފިކެޓެއް ނޯވެއެވެ. އެހެންކަމުން މިފަހުމުނާމާގެ ދަށުން ދާއިރާގައި ބަލައިގަންނަ ޕްރޮފެޝަނަލް މިންގަނޑުތަކަށް މުވައްޒަފުން ތަމްރީން ކުރެވޭނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ފެނަކައިން ބުނީ ވިލާ ކޮލެޖާއެކު ޤާއިމުކޮށްފައިވާ އެއްބަސްވުމުގެދަށުން ފެނަކައިގެ ޚިދުމަތްތައްތަކާ ގުޅޭ ދިރާސާތައްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ ބޭނުމަކީ މިހާރު ފެނަކައިން ޚިދުމަތްދޭ ގޮތްތަކާއި އެކަންކަމާ މެދު އާއްމުންގެ ޚިޔާލު ހޯދުމެވެ. އަދި ރައްޔިތުން ބޭނުންވާފަދަ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ.

ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ 150އެއްހާ ރަށަށް ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުންޏެވެ. އެ ކުންފުނިން ގިނަ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭއިރު، އެރަށްތަކުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުން އެނިޒާމުތައްވެސް ބަލަހައްޓަމުން އަންނަނީ ފެނަކަ ކޯޕަރޭޝަން މެދުވެރިވެގެންނެވެ.

ފެނަކައިގައި އެކި ދާއިރާތަކުން ވަރަށް ގިނަ އަދަދަކަށް ޓެކްނިކަލް މުވައްޒަފުން މަސައްކަތްކުރެއެވެ. ފެނަކައިގެ މުވައްޒަފުންގެ އަދަދު 4000އިން މައްޗަށް އަރައެވެ.