ޚަބަރު

ރާއްޖޭގައި އިންވެސްޓްކޮށްގެން ކުރުމުއްދަތެއްގައި ފައިދާ ލިބޭނެ: ވަޒީރު ފައިޞަލް


  • ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބު ގުޅިފައިވަނީ ކާމިޔާބު އިންވެސްޓްމަންޓްތަކާ

  • ސަރުކާރުން އިސްކަންދެނީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް

ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްގެން ކުރުމުއްދަތެއްގެ ތެރޭގައި ފައިދާލިބެމުންދާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އޮސްޓްރޭލިއަން ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަނުން އިންތިޒާމްކޮށްގެން ބޭއްވި "އަ ހައިސް މޯލްޑިވްސް ހޮޓެލް އިންވެސްޓްމެންޓް ސަމިޓު"ގައި ވާހަކަދައްކަވަމުންނެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބު ގުޅިފައިވަނީ ކާމިޔާބު އިންވެސްޓްމަންޓްތަކާކަމަށެވެ. އަދި ފަތުރުވެރިކަމުގެ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ތަރައްޤީއަށް އައު މަގުތަކެއް ހުޅުވިގެންދާކަމަށާއި އިންވެސްޓަރުންނަށްވެސް އިތުރު ފަސޭހަތަކާއި ފުރުޞަތުތައް ލިބިގެންދާކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދީ، ލުއި ގޮތްތަކެއް ފޯރުކޮށްދިނުމަށްކަމަށެވެ.

ރާއްޖޭގައި އިންވެސްޓް ކުރުމުގެ އެންމެ ބޮޑު ފައިދާއަކީ، ރާއްޖޭގެ މަޝްރޫހު ކަމާއި ފޯރުކޮށްދޭ ޚިދުމަތްތައްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖެއަކީ މި ސަރަޙައްދުގެ އެންމެ ޓޮޕް މާކެޓު ކަމަށާއި ކުރާ އިންވެސްޓްމަންޓުގެ ފައިދާ ލިބުމުގައި ހޭދަކުރަން ޖެހޭ މުއްދަތު ކުރު ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކަށް ހީވާގިކަމާއެކު ތާއީދުކޮށް، އެކަންކަން ތަންފީޒުކުރުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނަށް ހިތްވަރުދެން. ފަތުރުވެރިކަން ފުޅާކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިސްކަން ދެން." ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވިއެވެ.

މި ސަމިޓްގައި ވަޒީރު ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުން 7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމުގެ ބޮޑު އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ޓާމިނަލްގެ ހުޅުވުމާއި ވައިޑްބޮޑީ މަތިންދާބޯޓު މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުކުރިއެރުންތަކެއް އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.