މުނިފޫހިފިލުވުން

ލެޖެންޑްރީ މިއުޒިޝަން އަހުމަދު ނާޝިދަށް ޓްރިބިއުޓެއް ދެނީ


ރާއްޖޭގެ ލެޖެންޑްރީ މިއުޒިކް އާރޓިސްޓެއްކަމަށްވާ އަހުމަދު ނާޝިދުއަށް ޚާއްޞަ ޓްރިބިއުޓެއްގެ ގޮތުގައި އަންނަ ޖުލައިމަހު ރާއްޖޭގެ ޒުވާން ފަންނާނުންނާއެކު މިއުޒިކް ހަފްލާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ނެޝަނަލް ސެންޓަރ ފޯ ދި އާރޓްސް، އެންސީއޭއާ، ރާއްޖޭގެ ފުރަތަމަ މިއުޒިކް މެގަޒިންކަމަށްވާ މިސްކް މެގަޒިންއާ ދެމެދު މިއަދުވަނީ މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި މިސްކް މެގަޒިންއާ އެޒައިޑަންއާ ދެމެދުވެސް މިއަދުވަނީ މިކަމަށްޓަކާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައިވަނީ މިސްކް މެގަޒިންގެ 22 ވަނަ އަދަދުގެ ޕްރިންޓް ވަރޝަނެއްވެސް ނެރެފައެވެ. މިސްކް މެގަޒިންގެ ބާވީސްވަނަ އަދަދު ޚާއްޞަކޮށްފައިވަނީ ރާއްޖޭގެ ލެޖެންޑްރީ މިއުޒިޝަން އަހުމަދު ނާޝިދު ނުވަތަ ފުލޫ ނާޝިދުއަށެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މި މެގަޒިންގެ 22 ވަނަ އަދަދުގެ ޕްރިންޓް ކޮޕީއެއް އަހުމަދު ނާޝިދުގެ ދަރިކަނބަލުން ނިޝް ނާޝިދުއާ ހަވާލުކުރައްވާފައެވެ. މިރަސްމިއްޔާތުގައި މީޑިޔާއަށް މައުލޫމާތުދެއްވަމުން މިސްކް މެގަޒިންގެ ފައުންޑަރ އަދި އެޑިޓަރ ރިއާޔަތު އަބުދުލް މަޖީދު ވިދާޅުވީ ނާޝިދުއަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ޖުލައިމަހު ރާއްޖޭގެ ބައެއް ޒުވާން ފަންނާނުން ހުށައަޅައިދޭ މި ހަފްލާއަކީ ނާޝިދުއަށް ދޭ ހަދިޔާއެއްގެ ގޮތުގައި ބާއްވާ ހަފްލާއެއްކަމަށެވެ.

މިސްކް މެގަޒިންގެ ފަރާތުން މައުލޫމާތުދޭ ގޮތުގައި މި ހަފްލާގައި ޒުވާން 12 ފަންނާނެއްގެ ހުށައެޅުންތައް ފެނިގެންދާނެއެވެ. އަދި މި ހަފްލާ  ބޭއްވޭނީ އޮލިންޕަހުގައި އާންމުކޮށް ހުޅުވާލައިގެންކަމަށް މިސްކް މެގަޒިންއިން މަޢުލޫމާތުދެއެވެ.