ޚަބަރު

ޑރ.ޝަހީމްގެ އަބުރު ކަތިލަމުންދިއުމަކީ ނާތަހުޒީބު ޢަމަލެއް: ޝާހިދު


  • ގޮތްނޭނގޭ އެކައުންޓަކުން ވަނީ އަސްލެއް ނެތް ވީޑިއޯއެއް އާއްމުކޮށްފައި

  • ޝާހިދު ވިދާޅުވީ މިފަދަ ކުށްތައް ހުއްޓުވުމަށް ބަސްބުނަންޖެހޭކަމަށް

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިއޯ އުފައްދާ ފެތުރުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއްކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެކްސްގައި ގޮތް ނޭނގޭ އެކައުންޓަކުން އާއްމުކުރި ދޮގު ވީޑިއޯއަކާ ގުޅިގެންނެވެ.

ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއްކަމަށެވެ. ކޮންމެ މީހެއްގެވެސް ޢާއިލާއާއި މައިންބަފައިން، ފިރިން، އަނބިދަރިން ތިބޭނެކަމަށާއި ސިޔާސީ އޮއިވަރާ ޖަޒުބާތާއި ނަފްރަތުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫންކަމަށެވެ.

ހަމަ އެފަދައިން އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ޙަޤީގަތާ ޚިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ. މިފަދަ ޢަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެކަމަށާއި، އަމިއްލަ މަންފާއަށްޓަކާ ވަކި ބަޔަކު މުޅި މުޖުތަމަޢުގެ ފޭރާން ވީދާ ޚަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސް ނުބުނެ ތިބެގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ. މި ފަދަ ނުބައި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށް އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.