ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ހިފަހައްޓާނެ ވަކި އަސާސްތަކާއި މިންގަނޑުތައް ހުންނާނެ ކަމަށާއި، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަން އެމަނިކުފާނު ދަމަހައްޓަވާނެކަމަށެވެ. އަދި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންެގެ ކިބައިންކަން ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާކަން ފާހަގަކުރައްވަމުން ނައިބުރައީސް ވިދާޅުވީ ރައްޔިތުންގެ އިހުސާސްތައް އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިރުޝާދު ދެއްވާ ކަމަށެވެ.
"ރައީސް ހާލަތާއި ވަގުތަށް ބެލުމަށްފަހު ރައްޔިތުންގެ އަޑު އަހާކަށް ފަހެއް ނުޖެހޭނެ، ހެކިތައް ފެންނަން އެބަހުރި. ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ އަޑުއަހައިގެން އެމަނިކުފާނު ކަންކަން ކުރައްވަނީ" ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހުރި ކަންކަން މި ދައުރުގެ ތެރޭގައި ހާސިލް ކުރެވޭނެކަންވެސް ފާހަގަކުރައްވާފައެވެ. އަދި މި ޒައާމަތުގައި ތަފާތު ދައްކަވައި، ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް މުއިއްޒު އިންތިޚާބުވެވަޑައިގަންނަވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ޤައުމުގައި މީގެ ކުރިން އުފެދިފައި އޮތީ ނަފްރަތާ އަދާވާތްތެރިކަން ކަމަށާއި ބޮޑު ޖީލެއް ހަލާކުވީ ކުރީގެ ސިޔާސީ ލީޑަރުންގެ ސަބަބުން ކަމަށެވެ. އަދި ޤައުމު ތަރައްޤީ ކުރެވޭނީ އަމާންކަމާއި ސުލްހަމަސަލަސްކަން އޮވެގެންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން ތާއިދުކުރެއްވީ، އެމަނިކުފާނަކީ ރައްޔިތުންގެ އަޑު އެހުމުގެ ޤާބިލްކަން ހުންނަ ބޭފުޅަކަށްވާތީކަމަށެވެ. އަދި މިވީ ދުވަސްތަކުގައި ދައުލަތުގެ ބަޖެޓަށާއި ރައްޔިތުންގެ ފުދުންތެރިކަމަށް އައި ބަދަލުތައް ފެންނަ އޮތް ކަމަށާއި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.