އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރަން އައު ޖަނަރޭޓަރު އެ ސިޓީއަށް ގެންދިޔުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުން ކުރާ ގަޑިތަކުގައި 12 މެގަވޮޓުގެ ކަރަންޓު ބޭނުންކުރެއެވެ. އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި 20 އިންޖީނު ބަހައްޓާފައި ހުރިއިރު، އެއީ 26.8 މެގަވޮޓް ކަރަންޓު އުފެއްދޭ ކެޕޭސިޓީއެވެ. ނަމަވެސް އޭގެތެރެއިން 5 އިންޖީނު ހަލާކުވެފައި ހުރުމުން މިވަގުތު ބޭނުންކުރެވޭގޮތަށް ހުރީ 15.5 މެގަވޮޓްގެ ކެޕޭސިޓީއެވެ.
އެހެންކަމުން އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 1,600 ކިލޯވޮޓްގެ ޖެންސެޓެއް އެސިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން ބުނެއެވެ. މިއާއެކު މިމަސް ތެރޭ ވަގުތީ ހައްލެއް ލިބިގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓައި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީއަށް ދިމވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން 32 މެގަވޮޓްގެ އިންޖީނުގެއެއް އެޅުމަށް ވަނީ ނިންމާފައެވެ. އައު އިންޖީނުގޭގައި ބޭނުންކުރާނީ ދުނިޔޭގައި މިވަގުތު ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު ބްރޭންޑް "ވަޓްސެލާ" އިންޖީނުކަމަށް ފެނަކައިން ހާމަކުރެއެވެ. މީގެއިތުރުން މިވަގުތު އައްޑޫގައި އޮތް ކަރަންޓު ނެޓްވޯކްވެސް ޒަމާނީ ވިއުގައަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު އޮތް ކަރަންޓް ނެޓްވޯކަކީ ވިއްސަކަށް އަހަރުވެފައިވާ ނެޓްވޯކެކެވެ. މިއާއެކު ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެކަމަށް ފެނަކައިން ބުނެއެވެ.